ޖީލެއް ހަލާކުވެ ދިޔައިރުވެސް ހައްލު ނުހޯދުނު މަސްތުވާތަކެތީގެ މައްސަލަ! އެތައް ބައެއްގެ އިޙުމާލު!

ޖީލެއް ހަލާކުވެ ދިޔައިރުވެސް ހައްލު ނުހޯދުނު މަސްތުވާތަކެތީގެ މައްސަލަ! އެތައް ބައެއްގެ އިޙުމާލު!

Author
ހުސެއިން
16 ނޮވެމްބަރ 2021 08:29
0

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެކެވެ. އަދި އެއީ އޭގެ ވަބާގައިޖެހި އެތައް މުޖަތަމަޢެއް ފަނާވެ، އަދި ގައުމުތަކުގެ ޒުވާން ޖީލު އޮޔާގޮސް، އިގުތިސާދުތައްވެސް އިނދަޖެހިގެން ގޮސްފައިވާ ނުރައްކާތެރި ވަބާއެއްވެސް މެއެވެ.

މިގޮތުން ބަލާއިރު، ފާއިތުވެދު 20 ނުވަތަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށްވެސް ކުރިމަތިވެގެންދިޔަ އެންމެ ނުރައްކާތެރި ވަބާއަކަށް ވެގެން ގޮސްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއެވެ. އަދި މިވަބާގެ އޮއިވަރުގައި ރާއްޖޭގެ ޒުވާން ޖީލު ޖެހި، އެތައް ޒުވާނުންނެއް ބިކަވެގެން ގޮސްފައިވާއިރު، މަސްތުވާތަކެއްޗަށް ދެވިހިފާ، އޭގެ ބޭނުންކޮށް، އޯވަރ ޑޯޒްވެގެން މަރުވެގެން ގޮސްފައިވާ ޒުވާނުންގެ އަދަދުވެސް މަދެއް ނޫނެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ، ރާއްޖޭގައި އެންމެ ފުރަތަމަ، އިޖުތިމާޢީ ކާރިސާއެއްގެ ގޮތުގައި ފެތުރެން ފަށާފައިވަނީ 90ގެ އަހަރުތަކުގެ ތެރޭގައެވެ. އެދުވަސްވަރަކީ، ދެކުނު އޭޝިޔާގެ ގައުމުތައް މަސްތުވާތަކެތީގެ ހަބެއްގެ ގޮތުގައި ގާއިމްވެ، މަސްތުވާތަކެތީގެ ބޮޑު މާރކެޓެއް އަފައާނިސްތާން އަދި ޕާކިސްތާން ސަރަހައްދުގައި އާންމުވެގެން ދިޔަ ދުވަސްވަރުވެސް މެއެވެ. އެހެންނަމަވެސް، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ހެރޮއިން އުފެއްދުމަށް ބޭނުން ކުރާ އޯޕިއަމް އަފްއާނިސްތާނުގައި ގިނަ އަދަދަކަށް 1950ގެ އަހަރުތަކުން ފެށިގެންވަނީ އުފައްދަން ފަށާފައެވެ.

ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި ފުޅާ ދާއިރާގައި މަސްތުވާތަކެތި ބޭނުންކުރުމުގެ އާދަ 90ގެ އަހަރުތަކުގެ ތެރޭގައި އަށަގަންނަން ފެށިނަމަވެސް، މަސްތުވާތަކެތި އެތެރެ ކުރުމާއި ދެކޮޅަށް 1977 ވަނަ އަހަރު ރާއްޖޭގައިވަނީ ގާނޫނެއްވެސް ފާސް ކޮށްފައެވެ. އަދި އެއަށްފަހު، ޒަމާންތައް ބަދަލުވެ، މަސްތުވާތަކެއްޗަކީ ރާއްޖެއަށް ކުރިމަލާން ޖެހިފައިވާ އިޖުތިމާއީ ބޮޑު ވަބާއަކަށް ވެގެން ދިޔައިރުވެސް، ދިވެހި ސަރުކާރުން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށް، މި ނުރައްކާތެރި ވަބާގެ ކުޑަ ބޮޑުމިން ވަޒަން ކޮށްފައެވެސް ނުވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރާއްޖޭގައި އާންމުވާން ފަށާފައިވަނީ 90ގެ އަހަރުތަކުގައި

އެހެންނަމަވެސް، 2013ވަނަ އަހަރު، ރައީސް ވަހީދުވެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ގޮތުން ޔުއެންއޯޑީސީ (UNODC)ގެ އެހީތެރިކަމާއެކު، ފުރިހަމަ ދިރާސާއެއް ހެދިފައި ވެއެވެ. މި ސާވެއިން ދައްކާފައިވާ ގޮތުގައި، އޭރު ވެރިރަށް މާލޭގައި ދިރިއުޅެމުންދިޔަ އާބާދީގެ 6.64 އިންސައްތައަކީ، ރަލުގެ ބާވަތްތައްވެސް ހިމެނޭގޮތުން މަސްތުވާތަކެތީގެ ބޭނުން ކުރާ ފަރާތްތަކެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި މި ނިސްބަތް އޭރު ހުރީ 2 އިންސައްތައިގައެވެ.

އަދި މިސާވޭރިން ދައްކާފައިވާ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ 7،500 މީހުން އޭރު ތިއްބެވެ. އަދި މީގެ ތެރޭގެ މެޖޯރިޓީ މީހުންނަކީ 15އަހަރާއި 24 އަހަރާއި ދެމެދުގެ ނޫކަށިފުރާގެ ޒުވާނުންނެވެ. މި ޒުވާނުން އެންމެ ގިނައިން ބޭނުން ކުރަމުން ގޮސްފައިވަނީ ކެނެބިސް އާއި، އަލްކަހޯލްގެ އިތުރުން ޑްރަގްގެ ބާވަތެއް ކަމުގައިވާ އޮޕިއޮއިޑްސްއެވެ. އަދި މިދިރާސާއިން އޭރު ދައްކާފައިވާ ގޮތުގައި، ވެރިރަށް މާލޭގައި 200 ޒުވާނަކު އިންޖަކްޝަންގެ ޒަރީއާއިން މަސްތުވާތަކެތީގެ ބޭނުން ކުރަމުން ދިޔައިރު، ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި 300 ޒުވާނުން އިންޖެކްޝަންގެ ޒަރީއާއިން އޭރު މަސްތުވާތަކެތީގެ ބޭނުން ކުރަމުން ގޮސްފައި ވެއެވެ.

 

ޖީލެއް ހަލާކުވެދިޔައީ ސަރުކާރުތަކުން އަޅާ ނުލުމުން؟

1977ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި މަސްތުވާތަކެއްތި އެތެރެކުރުން ހުއްޓުވުމަށް ޚާއްސަ ގާނޫނެއް ވުޖޫދުވެގެން ދިޔަ ނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ މައްސަލައަށް އައިސްފައި އެއްވެސް ހައްލެއް ފެންނާކަށް ނެތެވެ. އަދި އެއަށްފަހު އެތައް އަހަރެއް ފާއިތުވެ، މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށް ވެގެންދިއުމަށްފަހު، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކާ ގާނޫނީ އޮނިގަޑަށް ގިނަގުނަ ބަދަލުތަކެއް ވަނީ ގެނެވިގައެވެ.

މިގޮތުން މަސްތުވާތަކެއްޗާބެހޭ ޒަމާނީ ފެންވަރުގެ ޚާއްސަ ގާނޫނެއް ފާސްކުރެވި، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާނެ ޚާއްސަ އިދާރާއެއް އުފެދި، އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފުލުހުންގެ ގާބިލްކަންވެސް އެތައް ގުނައަކުން އިތުރުކުރެވިގެން ދިޔައިރުވެސް، ދިވެހި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަވަނީ ދުވަހެއް ދުވަކަށް ގޯސްވަމުން ގޮސްފައެވެ. އަދި މިއަދު ރާއްޖޭ ވެގެން ގޮސްފައިވަނީ، މީގެކުރިން އަޑު އިވިފައި ނުވާ، މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ކަމަށްވާ ޕާޓީ ޑްރަގްސްފަަދަ، ނުރައްކާތެރި މުޅިން އާ ބާވަތްތައްވެސް ލިބެންހުރި ތަނަކަށް ވެގެން ގޮސްފައެވެ. އަދި އެންމެ ފަހުން ވެރިރަށް މާލޭގައި މަސްތުވާތަކެތީގެ ކެފޭތައް ހުޅުވާ، މަސްތުވުމުގެ ޚިދުމަތް ފޮރުކޮށްދޭ ތަންތަން މާލޭގައި އާންމުވެގެން ގޮސްފައި ވެއެވެ.

މާލޭގައި ދާދިފަހުން ވަނީ ޑްރަގް ކެފޭތައް ހުޅުވާ ހިންގަން ފަށާފަ

މީގެ އިތުރުންވެސް، ދުނިޔޭގެ އެހެން ގައުމުތަކަށް މަސްތުވާތަކެތި ސަޕްލައި ކޮށްދޭ މައިގަޑު އެއް މަންޒިލްކަމުގައިވެސް ރާއްޖެ ވެގެން ގޮސްފައިވާކަން އެގެން އޮތްކަމުގެ އެއް ހެއްކަކީ ރާއްޖޭގެ ފުން ފަޅުތަކުގައާއި އަދި ބައެއް ފަޅު ރަށްތަކުގައި ބިމުގެ އަޑީގައި ވަޅުލާފައި ވަނިކޮށް ފެނިގެން ގޮސްފައިވާ މަސްތުވާތަކެތީގެ އެތައް ޓަނެއްގެ އެތައް ބާވަތްތަކުންނެވެ.

މިގޮތުން އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތި ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވާއިރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހުރަސްކޮށް، މަސްތުވާތަކެއްތި އުފުލުމަށް ދަތުރު ކޮށްފައިވާ އުޅަދުތައް ހުއްޓުވާ ޑްރަގް ޑީލަރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން، ފާއިތުވެދިޔަ އަހަރުތަކުގައި ހައްޔަރުވެސް ކުރެވިފައި އެބަހުއްޓެވެ.

އެހެންކަމުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ގޮތުންނާއި އޭގެ ވިޔަފާރިކޮށް، ބޭނުން ކުރުމުގެ ގޮތުން ބެލިކަމުގައިވި ނަމަވެސް، ރާއްޖެއަކީ މަސްތުވާތަކެތީ ހާއްޔެއްގެ ގޮތުގައި އޮންނަ އޮތުމަށް ބަދަލެއް ނައިސް، އެ ގޮތުގައި އެތައް އަހަރެއް ފާއިތުވެގެން ހިގައްޖެއެވެ. މަގުމަތީގައި މަސްތުވެ، ބިތްޖެހިފައި ތިބޭ ޒުވާނުން އާންމުވެ، މި ޒުވާނުންނަށް އެކަށިގެންވާ ފަރުވާއެއް ނުދެވި، މަސްތުވާތަކެތި އެތެރެވުން ނުހުއްޓުވި، ބޭނުންކުރުންވެސް ހުއޓުވޭނެ މަގެއް ނުހޯދި، ގޮތް ހުސްވެފައި ގައުމު ވަނިކޮށް، މިވަބާގައި ޖީލެއް ފަނާވެގެން ދިޔައީއެވެ.

 

ހުރިހާ ވެރިންވެސް ވީ ހުސް ވައުދުތަކެއް!

ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމުގައި ބުނެ، ގައުމުގެ ވެރީން މިވާހަކަ ޒީނަތްތެރި ކޮށްފައި ދައްކަމުންދާތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައީއެވެ. އަދި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް، މެނިފެސްޓޯތަކުގައި އެވާހަކަ ލިޔެ، ގައުމުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން މިންޖު ކުރާނޭކަމުގެ ވާހަކައަކީ، އެހުރިހާ އިންތިޚާބެއްގައިވެސް ރިޔާސީ ކެންޑިޑޭޓުން ވެފައިވާ ވައުދުތަކެވެ.

އެހެންނަމަވެސް، ގައުމީ މި ބޮޑު މައްސަލައަށް ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި އެއެއްވެސް ވެރިއަކަަށް ހައްލު ހޯއްދަވާ ދެއްވިފައެއް ނުވެއެވެ. މަސްތުވާތަކެތީގެ ބޭނުން ކުރާމީހުން މަގުތަކުގައި ބިތް ޖެހިފައި ތިމެބެ، އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި އިޖިތިމާޢީ އެތަކެއް މައްސަލަތަކެއް ރާއްޖޭގައި އާންމުވެ، މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް މަސްތުވާތަކެއްޗާއި ގުޅިގެން އާންމުވެ، ޖަލުތައް ފުރި، މަސްތުވާތަކެއްޗަށް ދެވިހިފާ، އޯވާރ ޑޯޒްވެ ޒުވާނުން ދުނިޔެ ދޫކުރުމާ ހަމައަށް ގައުމުގެ ހާލަތު އާންމުވެގެން ދިޔައިރުވެސް، މި ބޮޑު މައްސަލައަށް ގައުމީ ހައްލެއް ހޯދުމުގެ ވިސްނުމެއް، ސިޔާސަތެއް ފެންނާކަށް ނެތެވެ.

މަސްތުވާތަކެއްޗަށް ފަރުވާދީ، ރިހިބިލޭޓް ކުރުމުގެ މަސައްކަތުގައި އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، މައްސަލައަށް އެންމެ އެކަށީގެންވާ ހައްލެއް ލިބިގެން ގޮސްފައި ނުވަނީ ކޮން ސަބަބަކާހެދިތޯ، މިއީ ގައުމުގެ ވަޒީރުންނާއި ވެރީންނަށް ވިސްނާލަންޖެހޭ ކަމަކަށް ވެގެނެއް ނުދިޔައެވެ. ފުލުހުންގެ މުވައްސަސާގެ ގާބިލްކަން މަސްތުވާތަކެއްޗާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި އެތައް ގުނައަކުން އިތުރުވެގެން ދިޔައިރު، މަސްތުވާތަކެ ކޮންޓްރޯލް ކުރުމުގައި ވަނީ ފެއިލްވެގެން ގޮސްފައެވެ.

ޒުވާން ޖީލެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި އޮޔާދިޔައީއެވެ. އަދިވެސް ހައްލެއް، ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. ކަންބޮޑުވާނެ ފަރާތެއް ހުރިކަމަށްވެސް ފެންނާކަށް ނެތެވެ. ހަފަރާތުން ވެސް ފެންނާން އޮތީ މާޔޫސްކަމެވެ. ބަނަ ކަމެވެ. ނާއުއްމީދުވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.