ކައުންސިލްތަކަށް މާލީ ބާރުވެރިކަން ނަމެއްގައި ދިނުމަކުން، ލާމަރުކަޒު ނުކުރެވޭނެ: އުޝާމް

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ނަމެއްގައި ދިނުމަކުން، ލާމަރުކަޒު ނުކުރެވޭނެ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2021 03:09
0

ލާމަރުކަޒީ، އުސޫލުން ރާއްޖޭގެ އިދަރީ ދާއިރާތައް ހިންގުމަށްޓަކައި ނަމެއްގައި ކައުންސިލްތަކަށް ބާރު ދޫކޮށްލައިގެން ކަންކަން ހާސިލް ނުވާނެކަމަށާއި، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ނުދޭހާ ހިނދަކު ނެރެވޭނެ ނަތީޖާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ ކައުންސިލްތަކަކީ ރާއްޖޭގެ ތަރައްޤީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެވޭނެ މުއައްސަސާތައް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އުޝާމް ވިދާޅުވީ ބަޖެޓުން ކުރަންޖެހޭ ޚަރަދުތަކަށްވުރެ ބޭކާރު ޚަރަދުތަކަށް ޖާގަ ދީފައިވާކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ލޯކަލް ކައުންސިލްތަކަށް އަމިއްލާ ބާރުގައި ކަންކަން ކުރެވޭ މާލީ ބާރުވެރިކަން ދޫކުރަންޖެހޭ. ނަމެއްގައި ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމުގެ ބަދަލުގައި، އޭގެ ހަގީގީ މާނައިގައި އެފަރާތްތަކަށް މިނިވަންކަން ދޭންޖެހޭކަމަށް އަޅުގަނޑު ދެކެން.

– އުޝާމް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ބެޖެޓަކީ ލިބޭ އަމްދަނީ އާއި އަޅާބަލާއިރު މާބޮޑަށްވެސް ޚަރަދު ބޮޑު ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކުރެވޭނެ ބައިވަރު ކަންކަން ބަޖެޓުގައި ހުރިކަމަށެވެ. ސިޔާސީ ވަޒީފާތަކަށް 400 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައިވާއިރު، މިނިވަން މުވައްސަސާތަކުން އެދުނަސް ބަޖެޓް ދެވެން ނެތްކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.

ޒިންމާ އަދާކުރެވޭނީ ޒިންމާ އަދާކުރެވޭ މިންވަރަށް ބަޖެޓު ދީގެން. އެހެންކަމުން ބަޖެޓުން ސިޔާސީ ކަންކަމަށް ކުރެވޭ ޚަރަދު ކުޑަކުރުމަށްފަހު ގުޑްގަވަނެންސަށް ބޭނުންވާ މިފަދަ ކަންކަން ބަޖެޓް ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.

– އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަކީ ހުރިހާ ރަށަކަށް އަދި ހުރިހާ ދައިރާއަކަށް ހަމަހަމަ އުސޫލުން ކަންކަން ކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އެކި ދާއިރާތަކުގައި މިހާރުވެސް ބަޖެޓް ކުރެވި ނުކުރެވޭ ކަންކަން ދިގުލައިގެން ގޮސް، ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކުގައި ތިބިއިރު، އަނެއްކާވެސް ބަޖެޓުގައި އަދަދުތަކެއް ޖަހައިގެން ފާސް ކުރުމަކީ އޭގައިން ނަތީޖާއަކާއި ހަމައަށް ވާސިލް ވެވޭނެ ކަމެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ބަޖެޓް ބަހުސް މިއަދު ނިންމާލާފައިވާއިރު ގިނަ މެމްބަރުންގެ ފާޑުކިޔުން ވަނީ ބަޖެޓަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެކި ދާއިރާތަކަށް ވެފައިވާ ވައުދުތައް ނުފުއްދި ލަސްވަމުންދާތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.