ލަންކާ ބަލިކޮށް ސީޝެލްސް އިން ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ލަންކާ ބަލިކޮށް ސީޝެލްސް އިން ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ސްރީ ލަންކާ ބަލިކޮށް ސީޝެލްސް އިން ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ލަންކާގެ މައްޗަށް ސީޝެލްސް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ސީޝެލްސް ވަނީ މި މުބާރާތުގައި ކުޅުނު 2 މެޗުން 4 ޕޮއިންޓް ހޯދާފައެވެ. ސީޝެލްސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި އެއްވަރުކޮށްފައެވެ. މި މެޗުން ބަލިވި ލަންކާއަށް ލިބެނީ ފުރަތަމަ މެޗުގައި ރާއްޖެއާއި އެއްވަރުކޮށްގެން ހޯދި 1 ޕޮއިންޓެއެވެ.

ސީޝެލްސް އާއި ލަންކާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގައި ސީޝެލްސްއަށް ވަނީ ލީޑު ނެގުމަށް ޕެނަލްޓީއެއްވެސް ލިބިފައެވެ. މި ޕެނަލްޓީ އަކީ ލަންކާގެ ޑިފެންޑަރ އަސީކުއްރަހްމާން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް ޖެހި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ސީޝެލްސް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކެޕްޓަން އެރިކް ބޮލުން ކާމިިޔާބުކުރި ލަނޑެކެވެ.

ލީގު އޫސުލުން ކުރިޔަށްދާ މި މުބާރާތުގައި ދެން ކޮންމެ ޓީމަކަށް އޮތީ އެންމެ މެޗެކެއެވެ. މި މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. މުބާާރާތުގެ ފައިނަލަށް ދަތުރުކުރާ ޓީމުތައް ޔަގީން ވާނީވެސް އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ސީޝެލްސް އާއި ރާއްޖެ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އެރޭ ލަންކާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *