އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޖައްވު އާދަޔާ ޚިލާފު މިންވަރަކަށް ނުސާފުވެގެން ދިއުމާ ގުޅިގެން އެ ސިޓީގެ ސްކޫލްތައް އެއް ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް ދިއްލީގެ ޗީފް މިނިސްޓަރު އާދީއްތަ ދުވަހު އަމުރު ކޮށްފިއެވެ.
"ކުޑަކުދިންނަށް، ނުސާފު ވައި ނޭވާލާން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، ހޯމަ ދުވަހުން ފެށިގެން ސްކޫލްތައް ބަންދު ކުރެވޭނެ،" އަރުވިންދު ކެޖްރިވާލް ރިޕޯޓަރުންނަށް މައުލުމާތު ދެމުން ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ ޑާޓާތަކަށް ބަލާއިރު، ނިއު ދިއްލީގެ ޖައްވު ނުސާފު ވެފައިވާ މިންވަރު، 500ގެ މިންގަޑުން ބަލާއިރު ވަނީ 437އަަށް އަރާފައެވެ.
ކެޖްރިވާލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އުފެދޭ ހިރަފުސް މަދުކުރުމުގެ ގޮތުން އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު، ކޮންސްޓްރަކްޝަން އެއްވެސް މަސައްކަތެއް ކުރުންވެސް މަނާކުރެވިގެން ދާނެއެވެ.
އަދި މީގެއިތުރުން، ސަރުކާރު އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށްވެސް ވަނީ އެންގިފައެވެ. އަދި އަމިއްލަ ވިޔަފާރި ކުރާތަންތަންވެސް ބަންދުކޮށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަކީ އެދެވިގެންވާ ކަމެއްކަމަށްވެސް އެފަރާތްކަށް ވަނީ އަންގާފައެވެ.
ނިއު ދިއްލީގެ ޖައްވު ނުސާފުވެފައިވާ މިންވަރު މިހަފްތާގެ ހުކުރު ދުވަހު، "އެންމެ ނުރައްކާތެރި" ހާލަތަށް ބަދަލުވެގެން ދިއުމާ ގުޅިގެން ސެންޓްރަލް ޕޮލިއުޝަން ބޯޑުންވަނީ އެސިޓީގައި ހެލްތު އިމަޖެންސީވެސް އިއުލާން ކޮށްފައެވެ.
20 މިލއަންގެ އާބާދީއެއް އޮންނަ ނިއު ދިއްލީގެ ފެކްޓަރީތަކުން ބޭރުކުރާ މާއްދާތަކުގެ ސަބަބުންނާއި، ކާރުތަކުން ބޭރުކުރާ ދުމުންނާއި އަދި އަދި ފިނި މޫސުމުގައި އަންދާ އަލިފާނުގެ ދުން ޖައްވަށް އަރާ، އިންޑިއާގެ ވެރިކަން ކުރާ ސިޓީ ހިމެނިގެންދަނީ ދުނިޔޭގެ އެންމެ ޖައްވު ނުސާފު ސިޓީ ކަމުގައެވެ.
އިންޑިއާގެ ސުޕްރީ ކޯޓުން މަނާ ކޮށްފައި އޮތް ނަމަވެސް، ނިއު ދިއްލީއަށް ކުރިމަތިވާ ޖައްވު ނުސާފުވުމުގެ މައްސަލަ މައިގަޑު ގޮތެއްގައި ކުރިމަތިވަނީ، ފިނި މޫސުމް އައުމާއެކު، ދިއްލީގެ ރަށްފުށު އަވަށްތަކުގައި ދަނޑުވެރިކަމުން ބާކީވާތަކެތި އަންދަމުން ދިއުމާ ގުޅިގެންނެވެ.
ސުވިސް އޯގަނިޒޭޝަނެއް ކަމުގައިވާ، IQAir އިން އެކުލަވާލާފައިވާ ޖައްވު އެންމެ ނުސާފު ދުނިޔޭގެ 30 ސިޓީތަކުގެ ތެރެއިން 22 ސިޓީއަކީ އިންޑިއާގެ ސިޓީތަކެވެ. އޭގެތެރެއިންވެސް އެއްވަނާގައި އޮތީ ނިއު ދިއްލީއެވެ.
ކޮމެންޓު ފޮނުވާ