ކޮޕީ މުހައްމަދު ރަޝީދުގެ ފަޑުވުމެއްނެތް ޤައުމީ ޚިދުމަތް!

ކޮޕީ މުހައްމަދު ރަޝީދުގެ ފަޑުވުމެއްނެތް ޤައުމީ ޚިދުމަތް!

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2021 02:23
0

ކޮޕީ މުހައްމަދު ރަޝީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާފައެވެ. މުޙައްމަދު ރަޝީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މުހައްމަދު ރަޝީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ކަށު ނަމާދު އޮތީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހި ހާލުކޮޅު ވަރަށް ސީރިއަސްވުމަށް ފަހު އެވެ. ސްޓްރޯކެއް ޖެހި މީގެ ކުރީންވެސް ރަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވިއެވެ. ކޮޕީ ރަޝީދަކީ ތަމްސީލާއި ފިލްމު ކުޅުއްވުމުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ދިވެހި އަދަބިއްޔާތަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މިހާރު މިއޮތް ފެންވަރަށް ރާއްޖޭގައި ތަމްސީލު އާއްމުވެގެންދިޔަ އެއް ސަބަބު ކަމަށްވާ މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވުނު ތަމްސީލު ޝޯތަކުގައި އިސްކަނޑު އަނބުރަން ހުންނެވީ ކޮޕީ މުޙައްމަދު ރަޝީދެވެ. އޭގެ ފަހުން ކޮޕީ ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލުކު ޅެން ހާއްސަ ސޮސައިޓީއެއް އުފެއްދެވިއެވެ. އެއީ ސީޑީއެސްގެ ނަމުގައެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް މުޙައްމަދު ރަޝީދު ވެދެވަޑައިގަތީ، އުމުރުން 18 އަހަރުގައެވެ. އޭރުއްސުރެން ފެށިގެން އަދަބީ ރޮނގުރޮނގުން ގެންދެވީ ޚިދުމަތް ކުރައްވަމުންނެވެ. ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައިވެސް މުޙައްމަދު ރަޝީދުގެ ޅެންތައް ޝާއިޢުކުރައްވަމުން ގެންދެވިއެވެ. މީގެތެރެއިން ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" އާއި، "ފަތްތޫރަ"އިގައި ޝާއިޢު ކުރައްވައިފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، ދީނީ، ޤައުމީ، ޢިލްމީ، އިޖުތިމާޢީ، ތިމާވެށިފަދަ ރޮނގުތަކުން ހައްދަވައިފައިވާ ލަވަތަކާއި ޅެންތައް ހިމެނެއެވެ. މީގެއިތުރުން، ބޮޑުބެރު ގްރޫޕްތަކަށާއި، ބަނޑިޔާ ގްރޫޕްތަކަށްވެސް ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ.

މުޙައްމަދު ރަޝީދަކީ ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށާއި، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި، ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމްތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަކީ، އެ މުބާރާތްތަކުގައި މަތީ ވަނަތައް ހާސިލުކޮށްފައިވާ ލަވަތަކެކެވެ. މީގެއިތުރުން، ދީނީ ޅެންހެދުމުގެ މުބާރާތްތަކުންވެސް މުޙައްމަދު ރަޝީދު ވަނީ މަތީ ވަނަތައް ހާސިލު ކުރައްވައިފައެވެ. އަދި ރާއްޖޭގައި ނެރުނު ވަރަށްގިނަ އޯޑިއޯ އަލްބަމްތަކަށްވެސް މުޙައްމަދު ރަޝީދު ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ. މިގޮތުން، 10 އޯޑިއޯ އަލްބަމަކަށް ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އަދި އަމިއްލަ 50 ލަވަ ހިމެނޭ އޯޑިއޯ ސީޑީއަކާއި، "އަބާރަނަ" ނަމުގައި މަދަޙަ އަލްބަމެއް ނެރުއްވައިފައިވެއެވެ.

ކޮޕީ މުޙައްމަދު ރަޝީދު ނެރުއްވައިފައިވާ ޅެން ފޮތްތަކުގެ ތެރޭގައި، "5 ބަޠަލުން"، "ކުޑަކުދިންގެ ޅެންފޮތްބައި" 1 ން 9 އަށް، އަދި "ޅެން މަޢުލޫމާތު ފޮތްބައި"، ޅެންބަހުން 1ން 12 އަށް، "އެނަމާ ކާރިޘާ" 4، އަލްއަމީރުލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ހަނދާނުގައި "ނާޞިރު 222″، "100 ޖަވާހިރު 1″ އަދި "100 ޖަވާހިރު 2″ގެ ނަމުގައި ނެރުއްވި ޅެންފޮތް ހިމެނެއެވެ. މި ދެ ޅެންފޮތުގެ އޯޑިއޯ ސީޑީވެސް ވަނީ ނެރުއްވައިފައެވެ.

ކޮޕީ ރަޝީދުގެ މިމަސައްކަތްތަކުގައި އަގުވަޒަންކުރައްވައި ސަރުކާރުންވަނީ، އެނާއަށް ތިން ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. އެގޮތުން، 1984 ވަނަ އަހަރު ތަމްޘީލު ކުޅުމުގެ ރޮނގުން ޢާންމުޚިދުމަތުގެ އިނާމު، 1988ވަނަ އަހަރު، ތާނަ ޢަރަބި ލިޔުމުގެ ރޮނގުން އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން އޭނާއަށްވަނީ ޢާންމުޚިދުމަތުގެ އިނާމު ދެއްވާފައެވެ. 2020ވަނަ އަހަރު އޭނާއަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

އޭނައަކީ ތަމްޘީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ޚާއްޞަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ.

މުޙައްމަދު ރަޝީދުގެ އިތުރުން އޭނާގެ ބޭފުޅުންގެ ތެރޭގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނުވެރިން ހިމެނެއެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީއިއްސެ) އަދި މަޝްހޫރު ލަވަންކިއުންތެރިޔާ ޔާމީން ރަޝީދަކީވެސް ކޮޕީ މުޙައްމަދު ރަޝީދުގެ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.