ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަކީ ކުރިން މިދިޔަ ހޯމަ ދުވަހު ކުޅެން ތާވަލްކޮށްފައި އޮތް މެޗެކެއެވެ. މެޗު ފަސްކުރީ ކޮލަމްބޯއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ.
ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަންގްލަދޭޝް އިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހިމްއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތުތައް ލިބި އޭގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ. މި މެޗުން ބަންގްލަދޭޝް މޮޅުވާން ދަނިކޮށް އެންމެ ފަހު ވަގުތު ސީޝެލްސް އިން ވަނީ ލަނޑެއް ޖަހާ ބަންގްލަދޭޝް މާޔޫސްކޮށްލާފައެވެ. 88 ވަނަ މިނެޓުގައި މި ލަނޑު ސީޝެލްސްއަށް ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެންޑަން ލެބްރޮސްއެވެ.
ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ އާއި ރާއްޖެ އިއްޔެ ބައްދަލުކުރި މެޗުވެސް ވަނީ އެއްވަރުވެފައެވެ.
ފޯ ނޭޝަންސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ލަންކާ އާއި ސީޝެލްސް އެވެ.