އޭސީސީ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި

އޭސީސީ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2021 11:31
0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ އެމެމްބަރުން މަޤާމުން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީއާއި ގުޅޭގޮތުން ހޯދި މައުލޫމާތާއި، ކުރެވުނު މަސައްކަތަކުގެ މައުލޫމާތަށް ބެލުމަށްފަހު އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ އޭސީސީގެ މެމްބަރުންގެ މަސައްކަތްތަކާއިމެދު ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.

ހަސަންގެ މި ހުށަހެޅުން ފާސްވީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މެމްބަރުންގެވެސް އަދި ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާ ނުހޯދި ލަސްވުންކަމަށެވެ. އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައްދީ ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައި ނުވާކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭސީސީގައި މިހާރު ހިމެނޭ ފަސް މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ބޮޑެތި ފައިސާގެ ކިތަން މައްސަލަ ނިންމިފައިވޭތޯ. މިތަނަށް އޭސީސީ ގެނެސް ތަފާތު އެކި ޑޭޓްދީ ޕްރޮމިސް ވެފައި ވަނީ. ޖެހިގެން އަންނަ ދުވަހު މީޑިއާގައި ވިދާޅުވަނީ އެއީ އޮޅުމަކުން ވީކަމަކޭ. މުޅިންވެސް ކަންކަން ނުވާ ކަމުގެ ވާހަކަ އަޑުއިވެނީ.

– ހުސެއިން ޝަހީމް ވިދާޅުވިއެވެ.

ކޮމެޓީން ވަނީ އޭސީސީގެ 5 މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީއަށް ޖަވާބު ދާރީ ކުރުމަށް ތާވަލްކޮށްފައެވެ. އަދި އެއަށްފަހު މެމްބަރުންނަށް ތާއީދު ނެތްކަމަށްވާނަމަ އޭސީސީގެ މެމްބަރުން ވަކި ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.