އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް 25 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ބަޖެޓް ބަހުސްގައި މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަވެސް ވާހަކަ ދެއްކެވި މެމްބަރަކީ މައިނޯރިޓީ ލީޑަރު ސަލީމްއެވެ. ސަލީމްވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސަލީމް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ކޮންމެ އަހަރަކުވެސް ފެނިގެންދަނީ ދައުލަތް އެތައް ބިލިޔަނަކުން ދަރަނިވެރި ވަމުންދާތަން ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް 10 ބިލިޔަން ރުފިޔާއިން ދަރަނިވަނެކަމަށް އަންދާޒާ ކުރި ނަމަވެސް 14 ބިލިއަނުން ދަރަނިވާނެކަމަށް ލަފާ ކުރެވޭކަމަށް ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާއިރު، މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ކޮންމެ އަހަރަކުވެސް ފެނިގެންދަނީ 13 ބިލިޔަން ނުވަތަ 14 ބިލިޔަނުން ބަޖެޓް ދަރަނިވެރި ވަމުންދާތަން ކަމަށް ސަލީމް ވިދާޅުވިއެވެ. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ބޮޑު ތަނުން ދަށްވެ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާލަތުގައި މަސައްކަތް ކުރަންޖެހޭނީ ދަރަނި ނަގާ މިންވަރު އިތުރު ނުކޮށް ދަރަނި ކުޑަ ކުރަންކަމަށް ވިޔަފާރީގެ ދައިރާގައިވެސް ފާހަގަ ކޮށްލެވޭ ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ސަރުކާރުން އަމަލު ކުރާގޮތަށް ކަންކަން ގޮސްފިނަމަ ކުރިއަށް އޮތް ރޯދަމަސް އަންނަ އިރު ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވެދާނެކަމަށެވެ. މިކަމުގެ ނުރައްކާ ދައުލަތުގެ މަތީފަންތީގައި ތިބި މީހުންނަށް ނުކުރާނެކަމަށާއި، މިކަމުގެ އަސަރު ކުރާނީ ނިކަމެތި ދިވެހި ރައްޔިތުންނަށް ކަމަށް ސަލީމް ވިދާޅުވިއެވެ.
ކޮންމެ އަހަރަކު 13 ބިލިޔަން 14 މިލިޔަން ދަނީ ދަރަނިވެރިވަމުން. މިއީ ބޮޑު ނުރައްކަލެއް. މިކަމުގެ އަސަރު ސަރުކާރުގެ މަތީ ފަންތީގައި ތިބި މީހުންނަކަށް ނޫން. އާންމު ރައްޔިތުންނަށް އަސަރު ކުރާނީ. މިހެންދާނަމަ ރަމަޞާން މަސް އަންނައިރު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފާނެ.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިހާލަތުގައިވެސް ފެނިގެންދަނީ ވެރިންގެ ޖާހަތާއި އިއްޒަތް އިތުރަށް، ބޮޑު ކުރަމުންދާކަމަށެވެ. ބަޖެޓުން ފެނިގެންދަނީ އާންމު ރައްޔިތުންނަށް ލުއި ގޮތަށްތައް ހެދުމުގެ ބަދަލުގައި މަތީ ފަންތީގެ ބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަދާތަން ކަމަށެވެ.
މިގާރުވެސް ކޮންމެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ޚަރަދަށް 75،000 ރުފިޔާ ޚަރަދު ކުރަމުންދާއިރު މިއީ ވިސްނަން ވެއްޖެ ކަމެއްކަމަށެވެ. ރާއްޖޭގައި ނިކަމެތި ހާލުގައި ކާނޭ ގޮތެއްވެސް ނެތި އެތައް ބަޔަކު ތިބިއިރު މިފަދަ ބޮޑެތި ޚަރަދުތަކެއް ދައުލަތުގެ ވެރިންނަށް ކުރާކަމީ ކަންބޮޑުވުމެއްކަމަށް ސަލީމް ވިދާޅުވިއެވެ. ބަޖެޓުން ފެންނަން ހުރި އަދަދުތަކުން ފެނިގެންދަނީ މާޔޫސްކަން ކަމަށާއި، ދަރަނިން ސަލާމަތް ކުރުމަށްޓަކައި ބަޖެޓް 25 ބިލިޔަނަށް ކުޑަ ކުރަންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ