އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއްކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި ފާހަގަކުރެއްވިއެވެ.
އަދި އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ދުނިޔަވީ ފަލްސަފާތަކަށް ވިސްނާލާއިރު އިލްމުވެރިން މާނަ ކުރައްވަނީ އެންމެ ހެޔޮ މުޖުތަމައަކީ އެ މުޖުތަމައުގެ އަހުލުވެރިންނަކީ ﷲ ތަޢާލާގެ ދީނަށް ހުރުމަތްތެރި ކޮށްހިތައި ސުލްހަވެރިކަމާއި ސަލާމަތާއި އެކުވެރިކަމާއި ބަދަހިކަމާކު މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމާ ގަދަރުކޮށް އަޅާލުމާއި އޯގާވެރިކަން އިސްކޮށް ބޮޑެތި އަދި ކުދި ކުށްތަކުން ސަލާމަތްވެފައިވާ މުޖުތަމައުކަމުގައެވެ. އެފަދަ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމާއި މަސްއޫލިއްޔަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ގާނޫނީ ޒިންމާ ފުލުހުންގެ ބޮލުގައި އެޅިފައި އޮތްނަމަވެސް އެކަން ފުރިހަމަވެގެންދަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެން ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ