މިއަދު ބޭއްވި ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަން ނިމި ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.
ކުރެންދޫ އަދި ވިލިނގިލީގައި ބައި އިލެކްޝަނެއް ބާއްވަނީ ވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް އުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިހާމްކުރަން ޖެހޭ އަދަދަށް އިންތިހާބުވެފައި ނުވާތީއެވެ.
މިއަދު ބޭއްވި ދެ އިންތިޚާބުގައިވެސް ވާދަކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމުންނެވެ. ކުރެންދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ނިޒާމާ ކަމިޔާބު ކުރީ، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ޢަޒީޒާ އަބްދުﷲ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. ނިޒާމާއަށް، 437 ވޯޓު ލިބިފައިވާއިރު، ޢަޒީޒާއަށް ލިބިފައިވަނީ 245 ވޯޓެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 1533 މީހުން ތިބިއިރު، ވޯޓުލާފައިވަނީ 692 މީހުންނެވެ. އިންސައްތައަށް ބަލާއިރު މިއީ 45 އިންސައްތަ ވޯޓެވެ.
ވިލިގިނލި ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ޝަހުމާ މުހުސިން ކަމިޔާބު ކުރީ، އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ރަޝީދާއާއި ވާދަކޮށެވެ. ޝަހުމާއަށް 400 ވޯޓު ލިބިފައިވާއިރު، މަރިޔަމް ރަޝީދާއަށް ލިބިފައިވަނީ 333 ވޯޓެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 2،640 މީހުން ތިބިއިރު، ވޯޓުލާފައިވަނީ 749 މީހުންނެވެ. އިންސައްތައަށް ބަލާއިރު މިއީ 28 އިންސައްތަ ވޯޓެވެ.
މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ޢިނާޔަތް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ލިބިވަޑައިގަންނަވަނީ 3000 ރުފިޔާގެ އެލަވެންސްއެކެވެ.
ނަމަވެސް އަންނަ އަހަރުން ފެށިގެން ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް ލިބިވަޑައިގަންނަވާނީ 7000 ރުފިޔާކަމަށާއި, ނާއިބު ރައީސާއަކަށް 6500 އަދި ކޮމިޓީގެ މެންބަރަކަށް 6000 ރުފިޔާ ލިބިވަޑައިގަންނަވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް 6000 ރުފިޔާ އަދި ނާއިބު ރައީސާއަށް 5500 ރުފިޔާ އަދި ކޮމިޓީގެ މެންބަރަކަށް 5000 ރުފިޔާ އަންނަ އަހަރުން ފެށިގެން ލިބިވަޑައިގަންނަވާނެކަމަށް ސަރުކާރުން ވަނި ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ