ސައުދީއަރަބިއާގެ ރިޔާދުގައި ނޮވެމްބަރު 26 އިން 28 އަށް ބޭއްވުނު ފިއުޗަރ އިންވެސްޓްމެން އިނިޝިއޭޓިވް ސަމިޓްގައި މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މަޢުސޫމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ފިއުޗަރ އިންވެސްޓްމެން އިނިޝިއޭޓިވް އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުނު މިސަމިޓްގެ ތީމަކީ އިންސާނިޔަތަށް އިންވެސްޓްކުރުމެވެ. ރިޔާދުގެ ރިޒްކާލްޓަން ހޮޓެލްގައި ކުރިއަށް ގެންދެވުނު މިސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި، މަލްޓިނެޝަނަލް ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް 5000 އަށް ވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މިސަމިޓުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އިންސާނިއްޔަތަށް އިންވެސްޓްކުރުމާއި އެހީތެރިވުން، މަސައްކަތުގެ މާޙައުލުގައި މިޖީލުގެ ޒުވާނުންނަށް ހަމަހަމަކަމާއި އެކު މަސައްކަތް ކުރެވޭ ގޮތްތަށް ރޭވުން، އަދި ޘަޤާފަތާއި ތަރިކަ ހިމާޔަތްކުރުމާއި، ގްރީން އިކޮނިމި ހިމެނެއެވެ. މީގެ އިތުރުން ޤައުމުތަކުގެ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ގޮތުން ސީދާ ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މައްޗަށާއި ތަޢުލީމާއި ތަމްރީނަށް އިންވެސްޓްރުކުމާއި، މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމާއި ގުޅޭގޮތުންވެސް މިސަމިޓުގައި މަޝްވަރާކުރެވުނެވެ.
މިސަމިޓުގެ ޙަވާސާގައި، މިނިސްޓަރ ވަނީ ތަފާތު އިންވެސްޓަރުންނާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރަށްވާފައެވެ. އަދި މަލްޓިނޭޝަނަލް އޮންލައިން ފޯމްސްޓޭ ޓްރެވެލް އޭޖެންސީއެއްކަމުގައިވާ އޯ.ވައި.އޯ ރޫމްސް ގެ ފައުންޑަރ އަދި ސީ.އީ.އޯ، މރ. ރިޓޭޝް އަގަރްވާލް އާއި ޑރ. މައުސޫމް ބައްދަލުކުރަށްވައި، ދިވެހިރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ތަރައްޤީ ކޮށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ