އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރި މައްސަލަ ކޯޓުން ހުއްޓުވައެއް ނުދިން

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރި މައްސަލަ ކޯޓުން ހުއްޓުވައެއް ނުދިން

Author
އަހުމަދު
19 ޖޫން 2026 09:22
0

އިންޑިއާގައި މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް" ވަގުތީގޮތުން ބްލޮކްކުރުމަށް އެ ގައުމުގެ ސަރުކާރުން ނެރުނު އަމުރު ބާތިލުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނާކާމިޔާބުވެއްޖެއެވެ.

ނިއު ދިއްލީގެ ކޯޓުން ނިންމާފައިވަނީ މެޑިކަލް ކޮލެޖުތަކަށް ކުދިން ވެއްދުމަށް ބާއްވާ ގައުމީ އިމްތިހާނު (ނީޓް) ގެ ސައްހަކަން ހިފެހެއްޓުމަށާއި މަކަރު ހެދުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅަކީ ގާނޫނީ ގޮތުން ހުއްދަ އަދި އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ. ދިއްލީ ހައި ކޯޓުގެ ފަނޑިޔާރު ތޭޖާސް ކާރިއާގެ ހުކުމުގައި، އާންމުންނަށް ޓެލެގްރާމް ބޭނުންނުކުރެވޭ ގޮތަށް ބްލޮކްކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި މަހުގެ 16 އިން 22 ގެ ނިޔަލަށް ޓެލެގްރާމް ބްލޮކްކުރަން ނިންމީ، މިދިޔަ މަހު އެ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން މި މަހު އަލުން އިމްތިހާނު ބޭއްވުމާ ދިމާކޮށެވެ. ނަމަވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި މިއީ ސަރުކާރަށް ފެންނަ ކޮންމެ ހިނދެއްގައި މެސެޖިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމުގެ ބާރު ލިއްބައިދޭ ނުރައްކާތެރި ނިންމުމެކެވެ.

އިންޑިއާއަކީ 150 މިލިއަނަށްވުރެ ގިނަ ޔޫޒަރުންނާއެކު ޓެލެގްރާމްގެ އެންމެ ބޮޑު މާކެޓެވެ. މި މައްސަލައާ ގުޅިގެން ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޯވް ކުރިން ވިދާޅުވެފައިވަނީ، މި ފިޔަވަޅުގެ ސަބަބުން ކަރުދާސް ލީކުކުރި މީހުންނަށް އަދަބު ލިބުމުގެ ބަދަލުގައި އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި އެޕް ބްލޮކްކުރުމުން ކުށްކުރާ މީހުން އެހެން އެޕްތަކަށް ބަދަލުވުން ފިޔަވައި އިތުރު ކަމެއް ހާސިލުނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.