ޢާޝޫރާ ދުވަހަކީ މުސްލިމުންނަށް ގިނަގުނަ ފިލާވަޅުތަކަކާއި ޢިބުރަތްތަކެއް ލިބިގެންދާ މާތް ދުވަހެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
މުޙައްރަމު މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ އަނިޔާވެރިކަމުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވައި، ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ﷲ ތަޢާލާ ޣަރަޤުކުރެއްވި ތާރީޚީ ދުވަހެވެ. މި މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނަށް ތަބާވީ މީހުން އެދުވަހު ރޯދަ ހިފިއެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވިއިރު، ޔަހޫދީން މި ދުވަހު ރޯދަހިފާތީ އެކަން ފެނިވަޑައިގެން އުންމަތަށް އިރުޝާދު ދެއްވީ ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން ޢާޝޫރާ ދުވަހާއެކު އޭގެ ކުރިން ނުވަތަ ފަހުން އިތުރު ދުވަހަކު ރޯދަ ހިފުމަށެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއްކަންވެސް ޚުޠުބާގައި ފާހަގަކުރިއެވެ. މީގެ އިތުރުން، މި ދުވަހާ ގުޅުވައިގެން ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ބިދުޢަތަކާއި ހިތާމަފާޅުކުރުން ފަދަ ކަންކަމުން ދުރުހެލިވެ، ސީދާ ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް މިއަދުގެ ޚުޠުބާގައި ވަނީ އެންމެހާ މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ. ސަލާމަތްތެރިކަން އޮތީ އީމާންކަމާއި އިސްލާމްކަމުގެ މަތީގައި ސާބިތުވެ ތިބެ، ﷲ އަށް އިތުބާރުކޮށްގެންކަން މި ޙާދިސާތަކުން ދަސްކޮށްދެއެވެ.
ކޮމެންޓު ފޮނުވާ