ކަނޑުމަގުން ރާއްޖެއަށް އާންމު މުދަލުގެ ގޮތުގައި އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ގެނައި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ފެނިފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރީ ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ޝައްކުކުރެވިގެންނެވެ. މިއީ 15 ނޮވެންބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ފަހުން ކަސްޓަމްސްއިން އަތުލައިގަތް މިފަދަ އެންމެ ބޮޑު ޝިޕްމަންޓެވެ.
މި މައްސަލައިގެ އިތުރު ތަޙުޤީޤުތައް ކަސްޓަމްސްއިން މިހާރު ކުރިއަށްގެންދާއިރު، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނަކުން އެކަނިވެސް ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ ހިފަހައްޓާފައެވެ. މީގެ ތެރޭގައި ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަޙްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލްގެ ނަމުގައި މި މަހުގެ 17 ވަނަ ދުވަހު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 5،600 ވޭޕް ކާޓްރިޖްވެސް ހިމެނޭކަން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ