މާލޭ ސިޓީގައި އިހުއްސުރެ އޮންނަ އަވަށު ފޯރި ގެނައުމަށް މާލޭ ސިޓީގައި ކުޅިވަރު މުބާރާތްތަކެއް ބާއްވަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުރި ހިތްވަރު ފާހަގަކޮށް ޓީމަށް ހިތްވަރު ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނަށް ރާވާއިރު ކުޅިވަރުން އުފާވެރިކަން ގެނައުމުގެ ޕްރޮގްރާމްތައް ޕްލޭންތަކުގައި ހިމަނުއްވާނެކަމަށެވެ.
ޕްލޭންތަކުގައި ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް އިސްކަން ދޭނަން.
– މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އަބަދުވެސް އޮންނާނީ މާލޭ ސިޓީއަކީ ކުޅިވަރަށް ފަހި ސިޓީއަކަށް ހެދުމުގެ ސިޔާސަތާއިގެންކަމަށެވެ. މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެގެން ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ހަފުލާގައި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގައުމީ ޓީމާއި އޮފިޝަލުންގެ އިތުރުން އެފް.އޭ.އެމް.ގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ވެރިންނާ މުވައްޒަފުން ބައިވެރިވިއެވެ.