ހުޅުމާލޭ ފޭސް 1 ގައި ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރާ ބިން ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދަކީ ޖުމްލަ 20،163.58 އަކަފޫޓުގެ ބިމެކެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
ހުޅުމާލޭގައި ޤާއިމު ކުރެވޭ ޑްރައިވިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ބިން @hdcmaldives އިން ވަނީ މިނިސްޓްރީއާއި ހަވާލުކޮށް މަސައްކަތް ވަނީ މިހާރު ފެށިފައި. ކުރިއަށް އޮތް މަހެއްހާދުވަހުގެ ތެރޭގައި ހުޅުމާލޭގައި ޑްރައިވިންގ ޓެސްޓްގެ ޚިދުމަތް ދެވެން ފެށޭނެ. pic.twitter.com/XJWbipftjo
— Ministry of Transport and Civil Aviation (@MoTCAmv) October 28, 2021
ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ޤާއިމުކުރެވިގެންދާ މި ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ މިބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާ ޑްރައިވިން ޓްރެކެއް ހުޅުމާލޭގައި ހެދުމަށް، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން، ޓްރާންސްޕޯޓް މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފިއެވެ.
ޑްރައިވިންގ ލައިސަންސް ޓެސްޓު ހެދުމަށް ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު އިމްތިހާން ހެދުމަކާ ނުލައި 25 ގައުމެއްގެ ލައިސަންސްއަށް ދާއިމީ ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.