ޔޫޓީއެފް އެއްބަސްވުން ޤާނޫނު އަސާސީއާއި ޚިލާފް، ވަގުތުން ބާތިލް ކުރަންޖެހޭ: އިދިކޮޅު

ޔޫޓީއެފް އެއްބަސްވުން ޤާނޫނު އަސާސީއާއި ޚިލާފް، ވަގުތުން ބާތިލް ކުރަންޖެހޭ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 12:52
0

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ހަދާފައި އޮތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތައް އޭގައި ހިމަނާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުޞަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެއްކަމަށެވެ. އެ އެގްރީމަންޓް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާކަމަށް ވަނީ ބުނެފައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނުގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެ. އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭކަމަށް ބުނެފައިނުވާއިރު، ޚާއްޞަކޮށް، ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފު ކަމެކެވެ. އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެއް. މިއީ މިކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަމެއް.

– އިދިކޮޅު

އިދިކޮޅުން ބުނީ ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑިއާގެ ހައިކޮމިޝަނަރގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުން ކަމަށާއި، މިހެންވުމުން، ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު އުތުރުތިލަފަޅަކަށް ނުހިނގާނެކަމަށެވެ. އަދި އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން، މިއެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން، އިބުރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށެވެ. މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަމަށާއި، ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ އިއާދަ ނުކުރެވޭފަދަ ގެއްލުން ޤައުމަށް ލިބިދާނެ ކަމެއްކަމަށެވެ.

2021 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާއެކު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިޔާއާއިއެކު ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިޤައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާޠިލް އެގްރީމަންޓެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.