އެއްވެސް މާލީ މަންފާއެއް ލިބޭ ގޮތަށް ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ޚިލާފް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ކޮމެޓީން ފާސްކޮށް ތަޅުމަށް ހުށަހެޅި ފޮރިން ސާވިސް ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގެންދަވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. ޤާނޫނު އަސާސީން މާލީ މަންފާ ލިބޭނެ ގޮތަށް އެއްވެސް ވަޒީރަކަށް މަސައްކަތް ނުކުރެވޭނެކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާލަން އޮތީ އިއްޒަތްތެރި ވަޒީރޭ، ފޮރިން މިނިސްޓްރޭ ކޮންމެވެސް އެއް މަޤާމެއް އެބަޖެހޭ ޚިޔާރު ކުރައްވަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޤާނޫނު އަސާސީ ތަނެއް ނުދޭ އެއްވެސް މާލީ މަންފާއެއް ލިބޭ ގޮތަކަށް އެއްވެސް ވަޒީރަކު އެއްވެސް މަސައްކަތެއް ކުރުމަކީ ޤާނޫނު އަސާސީ ތަންދޭ ކަމެއްނޫނޭ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ފޮރިން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކީ އެމީހެއްގެ ހުރިހާ މަސައްކަތެއް ފޮރިން މިނިސްޓްރީއަށް ހުސްވެފައިވާ މީހަކަށް ވާންޖެހޭކަމަށެވެ. ޤާނޫނު އަސާސީގައި ވަޒީރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ވަރަށް ސާފުކޮށް، ވަޒީރުން އެއްވެސް މާލީ މަންފާއެއް ލިބޭ އެއްވެސް މަޤާމެއް ފުރުއްވުމަކީ، ނުވަތަ ކުރުމަކީ އެއީ ކޮށްގެން ނުވާނެ ކަމެއްކަމަށް ބުނެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިބިލުން ސާފުވާ އަނެއްކަމަކީ ވަރަށް ބޮޑަށް އާއިލީ ވެރިކަމަށް ކަންކަން ބަދަލުވާ ތަންކަމަށެވެ. އާއިލީ ވެރިކަން ނުނިމި ވަނިކޮށް، ވަކި އާއިލާތަކަށް ނިސްބަތްވާ މީހުން އެކި މަޤާމުތަކަށް ވަތިން ފެށިގެން ތިރިއަށް އޮތް ހާލަތުގައި މިފަދަ ބިލެއް މިގޮތަށް ފާސް ކުރުމަކީ އާއިލީ ވެރިކަން އިތުރަށް ދަންމާލުމަށް ކުރެވޭ ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ފޮރިން ސާވިސް ބިލަށް ބަލައިމުމުން ސާފު ވެގެންދަނީ އާއިލީ ވެރިކަމަށް ވަރަށް ބޮޑަށް ދާ މަންޒަރުކަމަށެވެ. އަޅުގަނޑުމެން ހިތުން 2008 ގައި މިތިބީ އާއިލީ ވެރިކަން ނިންމައިގެން. ނަމަވެސް ފޮރިން ސާވިސް ބިލަށް ބަލައިލީމާ އެކަން އެހެން ނޫން އަޅުގަނޑުމެންނަށް މިފެންނަނީ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ފޮރިން ސާވިސްގެ ބިިލުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާ ކުރަން ސިވިލް ސާވިސްއާ ވަކިން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމް ކުރުމެވެ.
ކޮމެންޓު ފޮނުވާ