އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ އާއި އެކު ސާބިތުކަންމަތީ މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އ.ދ.އަށް 76 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އ.ދ.ގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީއަށް ކުރާ އިތުބާރު ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އ.ދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހުރިހާ މެމްބަރު ގައުމުތަކާއި ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައިގެން މަސައްކަތްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަން ޖެހޭ ހަމަހަމަކަންވަނީ ގެއްލިފައި. އެންމެންނަށްވެސް އުފާވެރި މުސްތަޤްބަލެއް ލިބޭނެކަމުގެ އުއްމީދުގައި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާއި ޢަދުލު އިންޞާފާއި ހަމަހަމަކަން ހުރިހާ ޤައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ.އާއި އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން.
– ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއިން އ.ދ.އާ ގުޅުނީ 1965 ވަނަ އަހަރުގައި ކަމަށާއި، އޭރު އެންމެ ކުޑަކޮށް ތަރައްގީވެގައިވާ ގައުމުތަކުގައި ތެރޭގައި އަދި ގައުމުތަކުން އެންމެ ފުރަތަމަ އދ. އާއި ގުޅުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖެއަކީ އ.ދ ގައި ޙަރަކާތްތެރި ޤައުމެއް ކަމަށާއި، އަދި އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެހިރާއްޖޭގެ ކެނޑިޑޭޓް އިންތިހާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ހާމަވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މިއީ އެއްވެސް މީހަކު ބާކީ ނުވާ، ރައްޔިތުންނާއި މުޅި ދުނިޔޭގެ ފާގަތިކަމަށް އޮތް އުންމީދީ ރިޔާސަތެއްކަމުގެ ޔަގީންކަން މެމްބަރު ހުރިހާ ގައުމުތަކަށްވެސް އަރުވަން.
– ޝާހިދު ވިދާޅުވިއެވެ.
އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށާއި، އަދި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައި، މި ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ