ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކުރެވެމުންދާއިރު، ކުރަންޖެހޭ ކަންކަންވެސް ގިނަ: މަހުލޫފް

ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކުރެވެމުންދާއިރު، ކުރަންޖެހޭ ކަންކަންވެސް ގިނަ: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 04:55
0

ޒުވާނުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވެމުން ދާއިރު، ކުރަންޖެހޭ ކަންކަންވެސް ގިނަ ކަމުގައި ޒުވާނުންގެ ވަޒީރު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޤައުމީ ފެންވަރެއްގައި ސަރުކާރުން ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީފައި ފާހަގަކުރަމުން ދިިޔަ ނަމަވެސް މުޅި ރާއްޖޭގައި އެކި ހަރަކާތްތައް ކުރިއަށްދާ ކަމަށެވެ. ޒުވާނުންނަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމުގައި މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ޒުވާނުންނަށް އަރިސްކުރަން. މިދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް. ޒުވާނުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވެމުން ދާއިރު، ކުރަންޖެހޭ ކަންކަންވެސް ގިނަ. ޔޫތު މިނިސްޓްރީގެ ފަރާތުންވެސް ކޮވިޑްގެ ދަތިއުނދަގުލުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. އަދި ގިނަ ކަންތައްތަކެއް ވަނީ ރޭވިފަ. ޒުވާނުންނާގުޅޭ އެތައްމުހިއްމު މަސައްކަތްތަކެއް ގިނަވުޒާރާތަކުން ހިންގަވާއިރު މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ވާނީދީފަ.

– މަހުލޫފް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22 ވަނަދުވަހެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށްވާތީއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކިސަރަހައްދުގައި ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީގައިއެވެ. ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާމަޔަށް މިދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި 18 ފަރާތަކަށްް ޔޫތު އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.