ގިނަ ދުވަހު ބީއެމްއެލް އަށް ޚިދުމަތްކުރި މުވައްޒިފުންގެ އަގު ވަޒަންކޮށްފި

ގިނަ ދުވަހު ބީއެމްއެލް އަށް ޚިދުމަތްކުރި މުވައްޒިފުންގެ އަގު ވަޒަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 08:55
0

ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.

މި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. މިރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްްވުނު ހަފްލާގައި 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ.

35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގ އަށް ވަނީ މި ހަފްލާގައި ޚާއްސަ އެވޯޑެއް ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮންމެ ދުވަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި މުވައްޒިފުން ކުރާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމުގައެވެ.

ތިޔަ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކު. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

– ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.