ފެނަކީ ދިރުން ކަމަށާއި، އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
4 ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި އދގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ، ޔުނިސެފުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، އެއީ 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް، ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިކަމަށެވެ. މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިގުރަކުރަން ޖެހިފައިވޭ. ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވޭ. މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދޭ.
– ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނާކަމަށާއި، އެއްވެސް ހަމައެއްގައި މިކަން ރަނގަޅު ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.
ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، މި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އައު ޓެކްނޮލޮޖީތަކަށް އެކްސެސް ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތްތައް ބަލަހައްޓައި ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތަޢްލީމަށާއި ވަޒީފާއަށާއި ޞިއްޙީ ޚިދްމަތަށް، ނޫނިއްޔާ ތިމާވެށްޓަށް އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ