އިމްރާން ހޯމް މިނިސްޓަރަކަށް ހުންނެވުމަކީ ލާދީނީ މީހުންގެ މޭކަރާނެ ކަމެއް: އިޔާޒު

އިމްރާން ހޯމް މިނިސްޓަރަކަށް ހުންނެވުމަކީ ލާދީނީ މީހުންގެ މޭކަރާނެ ކަމެއް: އިޔާޒު

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 04:48
0

ހޯމް މިނިސްޓަރުކަމުގައި، އިމްރާން އަބްދުﷲ ހުންނެވުމަކީ ވަރަށް ގިނަ ލާދީނީ މީހުންގެ މޭކަރާނެ ކަމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ބޭރުކޮށް ރައީސް އޮފީހުން ފޮނުވި ކުއްލި ސިޓީއާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާކަން ލިބިފައެވެ. މިސިޓީއާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ރާއްޖޭގެ ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި އިމްރާން ހުންނެވުމަކީ ވަރަށް ގިނަ ލާދީނީ މީހުންގެ މޭކަރާނެ ކަމެއްކަމަށެވެ. އަދި ބާރުތައް ނަގައި މީހާ ނިކަމެތި ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ކައިރިން ފާރަވެރިވާންޖެހޭ ކަމަށް ޝައިޚު ޑރ.އިޔާޒު ވިދާޅުވިއެވެ.

މަނިކުފާނު ހޯމް މިނިސްޓްރީގެ މިނިސްޓަރ ކަމަށް ހުންނެވުމަކީ ވަރަށް ގިނަ ލާދީނީ މީހުންގެ މޭކަރާނެ ކަމެއް. ވީމާ، މަނިކުފާނުގެ ފިޔަކޮށަން ކުރާ މަސައްކަތްތަކަށް ހުށިޔާރުވެ ހުންނަވާ. އިސްލާހީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ. ﷲ ތައުފީޤު ދެއްވާށި.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

މިއީ އިމްރާންގެ ދިފާއުގައި އަދާލަތު ޕާޓީގެ ބޭފުޅަކު އިސްވެ އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ފުލުހުންގެ މުއައްސަސާގެ ބާރުތައް ހޯމް މިނިސްޓްރީގެ ދަށުން ނެގި ނަމަވެސް ސަރުކާރުން މިހާރު ބުނަމުންދަނީ ބާރުތައް ނުނަގާކަމަށެވެ. އަދި މިހާރުވެސް ފުލުހުންގެ މުވައްސަސާ އޮތީ ހޯމް މިނިސްޓްރީގެ ދަށުގައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.

ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނޭ އެއް ކަމަކީ ވެސް އެތަން މިނިވަންކޮށް ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އާ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގުމަށް ބޯޑެއް އެކުލަވާލައިފައިވާ އިރު، ފުލުހުންގެ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ފަށައިފައެވެ.

އެކަމަކު ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.