މަސްތުވާ ތަކެއްޗާ ދެކޮޅަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރަނީ މިސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހުން ދޫވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގެ ބަހުސް މަރުލާގައި ސަލީމް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ޤާނޫނުތައް ކޮންމެ ވެރިކަމެއްގައިވެސް ހެދިފައިވާކަމަށެވެ. ރާއްޖޭގައި މަސްތުވާތެތި އެތެރެ ކުރުމާއި ކޮންޓްރޯ ކުރުމަށް ޤާނޫނުތަކުން ލާޒިމްކޮށްފައިވާ ކަންކަމަށް ދީފައިވަނީ ކޮން ސަރުކާރަކުންތޯ ބަލައިލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުތާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަޢާފްދީ ދޫކުރުމަކީ ހުއްދަ ދެވޭކަމެއްނޫންކަން ގާނޫނުގައި ބަޔާންކޮށްފައި ވީނަނަމަވެސް ޤާނޫނަށް ބަދަލު ގެނެސް އެފަދަ ކުއްވެރިން ދޫކުރަން ފެށީ ނިމިދިޔަ ވެރިކަމުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު މިފަދަ މައްސަލަތައް ހުށަހަޅައި ސިޔާސީ ގޮތުން މިމައްސަލަ ނަގައިގެން އުޅެނީ ސަރުކާރުން ހެޔޮ ނިޔަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާތީކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން މަސައްކުރި 1 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމީ މިމަސައްކަތާއިމެދު ސަރުކާރުގެ އިހުލާސްތެރިކަން އޮތް މިންވަރު ހާމަވާކަމެއްކަމަށެވެ.
ސަލީމް ވިދާޅުވީ މިސަރުކާރުން 2018 ވަނަ އަހަރު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްކަމަށާއި، 2019 ވަނަ އަހަރާއި ހަމައަށް 284 ކިލޯ އަތުލަިއގަތްކަމަށެވެ. އަދި 2020 ވަނަ އަހަރު 372 ކިލޯ އަދި މިއަހަރުގެ މިހާތަނަށް 213 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.
މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންގެ ތެރެއިން ވާހަކަ ދެއްކެވީ މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް އެކަންޏެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރުމަށް ހުރި ދޮރުތަން ބަންދު ކުރުމަށް ސަރުކާރުން ނުހަނު ގިނަ މަސައްކަތް ކުރާކަމަށެވެ. ނަމަވެސް އޮތް ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވާ މައްސަލަކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާކަމީވެސް ކަންބޮޑުވާ ކަމެއްކަމަށް މިމައްސަލައިގައި ބުނެފައިވެއެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލުތައް ހަލާކުވެ، އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ އިރު، ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރިވެގެން ހިންގާ "ސްޓޭޓް ސްޕޮންސރަޑް" ވިޔަފާރިއެއްގެގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަންކަން ގޮސްފައިވާކަމަށްވެސް މިމައްސަލާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ