އުރީދޫ ސާފް ޗެންޕިއަންޝީޕްގައި މިރޭ ވާދަވެރި އިންޑިއާއާއި، ރާއްޖޭގެ ޤައުމީ ޓީމު ވާދަކުރާއިރު މުޅި ޤައުމު އޮތީ މިމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.
މިރޭގެ ރާއްޖެ ގަޑިިން 9 ޖަހާއިރު ފަށާ މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ ދެކުޅުންތެރިންނަކީ މިސަރަހައްދުގެ އެންމެ މޮޅު ދެކުޅުންތެރިން ކަމުގައިވާ ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު (ދަނގަޑޭ) އާއި، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. މިދެކުޅުންތެރިންނަކީ މިމުބާރާތުގައިވެސް އަދި ޤައުމީ ޓީމުގައިވެސް ރެކޯޑުތަކެއް އޮތް މޮޅު ދެކުޅުންތެރިންނެވެ.
މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ދަގަނޑޭ އާއި ޗެތުރީ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ދެ ގޯލު ޖަހައިފައެވެ.
2008 ވަނަ އަހަރު ރަން މެޑަލް ގެނައި ޓީމްގެ ފޯވަޑް ލައިން ލީޑު ކުރަން ހުރީ އެއިރު އުމުރުން އެންމެ 23 އަހަރުގެ ދަނގަޑޭ އެވެ. މުބާރާތުގައި ދަނގަޑޭ އަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް އޭނާ ކުރި ހިތްވަރު އަހަރެމެން ހިތްތަކުން ނުފިލާނެ އެވެ. ހާއްސަކޮށް ލަންކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ދަނގަޑޭ ކުރި މަސަތްކަތް ހަމަގައިމުވެސް އަހަރެންގެ ހަނދާނަކުން ނުފިލަ އެވެ. ނުވެސް ފިލާނެ އެވެ. ގައިން ދަލާއި ލޭ އޮހޮރިގެން ދިޔަ އިރުވެސް ދަނގަޑޭ މަސަތްކަތް ކުރީ ރާއްޖެ ޓީމަށް ރަން މެޑަލް ހޯދައިދޭށެވެ. ޓޫކިލޯގެ ލަނޑުން ރާއްޖެ މޮޅުވެ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން ރަން މެޑަލް ގެނައި އިރު ދަނގަޑޭ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ.
ޤައުމީ ޓީމަށް ކުޅެންފެށިފަހުން މިހާތަނަށް ޤައުމީ ޓީމު ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހުރީވެސް ދަނގަޑޭއެވެ. އޭނާއަކީ ދަނދުމަތީގައި ހުރެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލާނެ އިދިކޮޅު ކޮންމެ ޓީމެއްގެވެސް އެންމެ ބޮޑު ޕްރެޝަރެއް އޮންނަ ކުޅުންތެރިޔާއެވެ. އުމުރުން ދޮށި ނަމަވެސް މިމުބާރާތުގައިވެސް އޭނާ ދަނީ މޮޅުކުޅުމެއްދައްކައި ނަތީޖާ ނެރެމުންނެވެ.
މިރޭގެ މެޗުގައި ރާއްޖޭގެ ޓީމަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. ގައުމީ ޓީމުގައި ލާމަސީލު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޗެތުރީ ވަނީ އިންޑިއާގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑާއި، އޭނާ ކުޅެންފެށި ފަހުން އިންޑިއާއިން ހޯދި ހުރިހާ ކާމިޔާބީއެއްގައިވެސް ބޮޑު ހިސްސާއެއް އަދާކޮށްފައެވެ.
ރާއްޖެއާއި އިންޑިއާ މިހާތަނަށް މާލޭގައި ތިން ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން އިންޑިއާ މޮޅުވީ އެއް ފަހަރެވެ. އެއީ 2008 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އޭގެފަހުން 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އިންޑިއާ އަތުން ރާއްޖެ މޮޅުވީ އެއް ފަހަރުއެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީ މުބާރާތުގައެވެ.
މިރޭގެ މެޗަކީ ދިވެހި ފަސްގަނޑުގައި ބާއްވާ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ދިފާއު ކުރުމަށް ކުޅޭނެ އެންމެ މުހިންމު މެޗެވެ. މިމެޗުން ދިވެހި ޓީމު މޮޅުވުމަކީ މުޅިޤައުމުގެ އުންމީދެވެ. ޤައުމީ ޓީމާއިއެކުގައި ދިވެހި ޤައުމު އޮތްކަން ހާމަކުރުމަށް މިއަދު އޮފީސްތަކާއި، ކުންފުނިތަކުގެ މުވައްޒިފުންވެސް ތިބީ ޤައުމީ ޔާޒީގައި ނުވަތަ ރަތްކުލައިގެ ހެދުމުގައެވެ. އަދި މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓީމަށް ހިތްވަރު ދިނުމުގެ ޚާއްސަ އިވެންޓުތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
One Response
ياالله ދަގަޑޭައަށާ ދިވެހިރާޖެަން ނަސްރާކާމިޔާބުދެއްވާށި امين انشاالله