ރާއްޖޭގެ ސަރުކާރާއި، އިންޑިއާ ސަރުކާރާއި އޮތް ގުޅުމުގެ ތެރެއިން އަޅުވެތިނޫން ކަމެއް ނުފެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިސަރުކާރަށް ތިން އަހަރުވާން ކައިރިވެފައިވާއިރު، ސަރުކާރުން ބޭރުގެ ގައުމުތަކުގެ ތެރެއިން އެންމެ އެކުވެރިކަމަށް ބުނާ އިންޑިއާއާއި އޮތް ގުޅުމާއިމެދު ޝިޔާމްވަނީ ސުވާލު އުފައްދަވާފައެވެ. ދެ ސަރުކާރުގެ ދެމެދުގައި ގާތް ގުޅުމެއް އޮތްކަމަށް ސަރުކާރުން ދައްކަން މަސައްކަތް ކުރި ނަމަވެސް ވިސާ ހޯދުމުގައި ދިވެހި މިވީ ތިން އަހަރު އުޅުނު ހާލު ނޭގޭ އެއްވެސް ރައްޔިތަކު ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ކުއްލިއަކަށް ވިސާގެކަންކަން ހައްލުވީކަމަށް ބުނި ނަމަވެސް ގާތް ގުޅުން އޮތް ގައުމަކުން މިވީ ތިން އަހަރު ވިސާގެ މައްސަލަ ހައްލު ނުވުމުމަކީ ދެގައުމުގެ އޮތް ގުޅުން ހާމަވާ ކަމެއްކަމަށެވެ. އަދި މިކަމުން ސާފުވަނީ ރާއްޖެ އޮތީ އަޅުވެތިކަމެއްގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދެ ސަރުކާރުގެ ގުޅުން މާ ބަދަހިކަމަށް ދައުވާ ކުރާއިރު 3 އަހަރުވީ ސަރުކާރުން އަދާއިހަމައަށް މިހާލު ދިވެހި ރައްޔިތުންނަށް ޖެއްސުމަކީ 2 ޤައުމުގެ ޒަމާންވީ ގުޅުމުގެ އަދުގެ ނިޔަތާއި، އަދި މަޤްސަދާއި، ދޭތެރޭ ސުވާލު އުފެދޭކަމެއް. އަޅުވެތިކަމެއް ނޫން ކަމެއް ގުޅުމުގެ ތެރެއިން އިހުސާސް ނުވޭ.
– ޝިޔާމް ވިދާޅުވިއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާ ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެ ނިންމުމަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަަށް ވަނީ ބުނެފައެވެ.
މިއީ ކޯވިޑް-19އާ ގުޅިގެން އިންޑިއަށް ދަތުރުކުރުމުގައި މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްފަހު، "ވިސާ ފްރީ ޓްރެވަލް" ނުވަތަ ވިސާއާ ނުލާ އެ ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ޤައުމަކަށްދިން ފުރަތަމަ ފަހަރެވެ. އަދި މި ފުރުޞަތާއެކު ރާއްޖެއާއި އިންޑިއާ ދެމެދު 2018 ވަނަ އަހަރު ވެފައިވާ ބައިލެޓްރަލް ވިސާ ފްރީ އެގްރީމަންޓަށް އަލުން އިޢާދަކުރެވިގެންދާނެކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރައްވައެވެ.
އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިން ވިސާ ހޯދުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެގޮތުން ވިސާ ހޯދުމަށް އިންޑިއާ ހައިކޮމިޝަން ކައިރީގައި ކޮންމެ ދުވަހަކުވެސް ބޮޑު ކިއުއެއް އޮވެއެވެ. އިންޑިއާއިން ހަމަޖައްސައިދިން އިންތިޒާމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި އިތުރު ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދާ ޤައުމަކީ އިންޑިއާއެވެ.