މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސްކަމަށް އެޕާޓީގެ މުއައްސިސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިންތިޚާބު ކޮށްފިއެވެ.
މިއަދު ކުރިއަށްދާ އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ޕާޓީގެ ރައީސްކަމަށް ނާޒިމް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުން، އިންތިޚާބު ކޮމެޓީން ވަނީ ނާޒިމްގެ ނަމަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ދަންނަވާފައެވެ. ބައްދަލުވުމަށް ވަޑައިގެންތިއްބެވި މެމްބަރުންގެ އައުލަބިއްޔަތުން ނާޒިމްވަނި ރައީސް ކަމަށް ކަނޑައަޅާފައެވެ.
މީގެ އިތުރުން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތި ލުމުން ނާއިބް ރައީސުންގެ ގޮތުގައި އަހުމަދު ޝަރީފް، އަބްދުﷲ ރިޔާޒު، އަހުމަދު އުޝާމް އަދި ހުސެއިން އިސްމާއީލްވެސް ވަނީ ހޮވިފައެވެ. ނާއިބް ރައީސުންގެ ތެރެއިން އިންތިޚާބު ބާއްވަން ޖެހޭ ދެ ދާއިރާއަކީ، އަޕަރ ނޯތު ރީޖަންއާއި، އަންހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސްކަމަށް އިންތިޚާބު ކުރާ ބޭފުޅަކު ހޮވުމަށެވެ. މިއިންތިޚާބާއިއެކު ބާކީ ހުރި އިންތިޚާބުތަކުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި އެޕާޓީގެ ލޯގީއާއި، ކުލަޔާއި، އަސާސީ ގަވާއިދުވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާގެ އިންތިޚާބީ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުން މިއަދު ބާއްވާއިރު، ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުން ނިންމުމަށް ބާއްވާ ޖަލްސާ މިރޭ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ