ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން މިވީ މުއްދަތުގެ ތެރޭގައި މިހާތަނަށް ދިވެހިންނަށް ހައްގު މިންވަރު ހޯދައި ދެވިފައި ނުވާކަމަށް އެމްއެންޕީގެ މުއައްސިސިސް ކާނާލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ފެށުމުގެ ގޮތުން މެމްބަރުންނާއި މުޚާތަބު ކުރައްވައި ނާޒިމް ވިދާޅުވީ، މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ކުރި އެއްވެސް ވެރިކަމެއްގައި ދިވެހިން އެދޭ މިންވަރު ހާސިލް ކުރެވިފައިނުވާކަމަށެވެ. ކޮންމެ ވެރިކަމެއްގައިވެސް ފެނިގެން ގޮސްފައިވަނީ އަދި ކޮންމެ ޕާޓީއަކުންވެސް ފެނިފައިވަނީ އަމިއްލަ މަސްލަހަތު އިސްކޮށް ޤައުމީ މަސްލަހަތު އެއްފަރާތް ކުރި ތަންކަމަށެވެ.
އެމްއެންޕީ އުފެއްދުމުގެ އެންމެ ބޮޑު މަޤުސަދަކީ، ރާއްޖޭގައި ޒަމާނުއްސުރެއް އޮތް ވަކި މީހެއް ވަށައިގެން އެބުރޭ ސިޔާސީ ވިސްނުން އެއްފަރާތްކޮށް ހަމަހަމަ ކަމާއި މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ޕްލެޓް ފޯމެއް އުފެއްދުންކަމަށެވެ. އެމްއެންޕީއަކީ ޕާޓީގެ އަސާސީ ގަވާއިދާއި، ދިވެހި ރާއްޖޭގެ ޤާނޫނު ތަކާއި ޚިލާފު ނުވާނޭގޮތަކަށް ޚިޔާލު ފާޅުކޮށް، މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެމްއެމްޕީގެ އަމާޒަކީ ރައްޔިތުން އެދޭ މިންވަރު ހާސިލް ކޮށްދިނުން ކަމަށާއި، އެކަން ހާސިލް ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އަޒުމް ކަނޑައަޅާފައިވަނީ ޤައުމީ ވިސްނުމެއްގައި ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށް ކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް އެއްވެސް ވަކި ފަރުދަކަށް ނުވަތަ ވަކި މީހެއްގެ މަސްލަހުގައި އެމްއެންޕީން މަސައްކަތް ކުރަންޖެހޭ ހާލަތެއް ނެތްކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެމްއެންޕީން އަމާޒު ހިފާފައިވަނީ މުޅި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، އެމަޤުސަދު ހާސިލް ވެގެންދާނެކަމަށް ނާޒިމް ވީދާޅުވިއެވެ.
އަދި މިވަގުތު އެންމެ އިސްކަމެއްދެނީ ޕާޓީ އުފައްދައި، ނޮވެމްބަރު މަހުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެއް މައްޗަށް ގެންދިއުންކަމަށެވެ. އަދި އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދިނުންކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ