އަނިޔާވެރިންނަށް ކާމިޔާބު ނުލިބޭނެކަމަށް ވިދާޅުވެ ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރަގެ މެންބަރު އަޙްމަދު ސަލީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އޭނާގެ ފާޑުކިޔުން ސަރުކާރަށް މި އަމާޒުކުރޫ، ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް އޮފިޝަރުން ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެކަން ތަންފީޒް ކުރައްވަން ފެއްޓެވުމުންނެވެ.
ސަލީމް ވިދާޅުވީ އަނިޔާ ވެރިންނަށް ކާމިޔާބެއް ނުލިބޭނެކަމަށާއި، ތެދުމަގެއްވެސް ނުލިބޭނެކަމަށެވެ. މިއީ ދުނިޔެ ދައްކާ މިސާލުކަމުން އިބްރަތް ހާސިލްކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
Aniyaa verinnakah kaamiyaabeh nulibeyne adhi thedhu mageh ves nulibeyne mee dhuniye dhahkaa misaalu iburaiy libiganey pic.twitter.com/yD3gn0tDXT
— Ahmed Saleem (@redwave_saleem) October 1, 2021
ސަލީމް މިހެން ވިދާޅުވެފައިވާއިރު، ގިނަ ޢަދަދެއްގެ ފުލުހުންތަކެއް ވަކިކުރުމަށް ޕޮލިސް ބޯޑުން ވަނީ ނިންމާފައެވެ. އަދި ސީޕީ ހަމީދަށް ވަނީ އެކަން ތަންފީޒްކުރުމަށް އަމުރުކުރައްވާފައެވެ. މިގޮތުން ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމަވާފައިވާ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް މިހާރު ވަނީ ފޮނުއްވާފައެވެ.
ފުލުހުންގެ ވަޒީފާއިން އެ ދެބޭފުޅުން ވަކިކުރުމަށް ސީޕީ ހަމީދު ނޯޓިސް ފޮނުވާފައިމިވަނީ، ފުލުހުންގެ އިސް 7 އޮފިޝަލަކު މަޤާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާތާ ދުވަސްތަކެއް ފާއިތުވި ފަހުންނެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާ 7 ބޭފުޅުންނަކީ:
- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމެވި އޭސީޕީ ޖަމްޝީދަކީ، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރެއްވެސް މެއެވެ. އަދި އޭސީޕީ އަޙްމަދު މުޙައްމަދަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ކްރައިމް ކޮމާންޑްގެ ވެރިޔަކަށް ހުންނެވި ބޭފުޅާއެވެ.
އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ