ލުބުނާންގެ ހިޒްބުﷲ ޖަމާއަތަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތުމަތުގައި، އަރަބި ބައްރުގައިތިބި، އެޖަމާއަތަށް ޚަރަދުކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާއާއި ގަތަރު ގުޅިގެން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން މިހަފްތާގެ ބުދަ ދުވަހު އިއުލާން ކޮށްފައިވަނީ، އަރަބި ޕެނިންސޫލާގައި ހަރަކާތްތެރިވާ، ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ މައިގަޑު "ފައިނޭންޝަލް ނެޓްވާރކް"ތަކާ ދެކޮޅަށް މިހާރު އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމުގައެވެ.
މިގޮތުން މި ފިޔަވަޅުތައް އަމާޒު ކުރެވިފައިވަނީ މައިގަޑު 7 ފަރާތަކަށް ކަމަށްވެސް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހާމަކޮށްފައި ވެއެވެ. އެއީ ޤަތަރު، ބަހުރެއިން، ސައުދީ އަރަބިއާ، އަދި ފަލަސްތީނުގެ ބައެއް ރައްޔިތުންގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކާ ދެކޮޅަށެވެ. އެމެރިކާއިން ބުނާ ގޮތުގައި މިފަރާތްތަކުން ވަނީ ހިޒުބުﷲ އާއި އަދި އެފަދަ އެހެން ގުރޫޕްތަކަށްވެސް އެތައް މިލިއަން ޑޮލަރެއް ހޭދަ ކޮށްފައެވެ.
މީގެ ތެރޭގައި، އަލީ އަލް ބަނާއި، އަލީ ލާރީ، އަދި އަބުދު އަލް މުއައްޔިދުގެ އިތުރުން ގަތަރުގައި ގާއިމްވެފައިވާ އަލްދާރު ޕްރޮޕަރޓީވެސް ހިމެނެއެވެ.
މި ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާގައިވާ މި ފަރާތްތަކުގެ އެސެޓްތައް ފްރީޒްކުރުމުގެ އިތުރުން، އެމެރިކާގެ ކުންފުނިތަކަށް މިފަރާތްތަކާއެކީ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުން މަނާ ކުރުމެވެ.
އަދި އެމެރިކާއިން މި ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އާންމު ކޮށްފައިވަނިކޮށް، ދޯހާއިންވެސް ވަނީ، އެމެރިކާއިން އެޅި ފިޔަވަޅުތަކާއެއް އެއްގޮތަށް އެގައުމުންވެސް މި 7 ކުންފުންޏާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ހާމަ ކޮށްފައެެވެ. އެހެންނަމަވެސް އެގައުމުން މި 7 ފަރާތުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
"މި ފިޔަވަޅުތައް އަޅާފައިވަނީ، ސަރަހައްދީ ފެންވަރުގައާއި، ބައިނަލް އަގުވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ހަގުރާމަ ކުރުމަށް އެމެރިކާއަށް އެއްބާރުލުން ދިނުމަށް އެކަށައެޅިފައިވާ ފްރޭމްވާކްގެ ތެރެއިންނާއި އަދި މިމަކަށް ގަތަރުން ކުރަމުންދާ މަަސައްކަތްތަކުގެ ދަށުން،" ގަތަރުގެ ރަސްމީ ނިއުސް އޭޖެންސީ QNA އިން އާންމު ކުރިން ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި އެއަށްފަހު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންވަނީ، ގަތަރުން އެޅި މިފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ.
އެމެރިކާއިންވަނީ، 1997 ވަނަ އަހަރު ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަަޅާފައެވެ. އެހެންނަމަވެސް ހިޒްބުﷲ އިންވަނީ އެމެރިކާގެ މި ނިންމުމާ ދެކޮޅު ހަދާފައެވެ. އަދި އެޖަމާއަތުން ބުނެފައިވަނީ، އެޖަމާއަތަކީ އިސްރާއީލާ ދެކޮޅަށް އަމިއްލަ ދިފާއުގައި ހަގުރާމަ ކުރާ ޖަމާއަތެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ