ފަރާންސްގެ ކުރީގެ ރައީސް ޝާކޯޒީ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ފަރާންސްގެ ކުރީގެ ރައީސް ޝާކޯޒީ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ހުސެއިން
30 ސެޕްޓެމްބަރ 2021 03:45
0

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ޝާކޯޒީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އާނާ އެއް އަހަރު ދުވަހަށް ޖަލަށް ލާން ފްރާންސްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ފްރާންސްގެ ކޯޓަކުން މިއަދު ޝާކޯޒީ އެއް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ، 2012ވަނަ އަހަރު އޭނާއަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރިޔާސީ އިންތިޚާބަށް ޚަރަދު ކުރުމަށް، ގާނޫނާ ޚިލާފަށް އޭނާ ފައިސާ ހޯއްދަވާފައިވާކަން ކޯޓަށް ސާބިތުވުމާއި ގުޅިގެންނެވެ.

މިހާރު އުމުރުން 66 އަހަރު ވެފައިވާ ޝާކޯޒީގެ މައްޗަށް މިއަދު އިއްވި އެއް އަހަރުގެ ހުކުމް އޭނާ މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ބެލެވޭތީ، އޭނާ ހުކުމް ޖަލުގައި ތަންފީޒު ކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަދި ހުކުމް އިއްވަމުން ކޯޓުގެ ފަނޑިޔާރުވަނީ، ފައިގައި ޓެގް އެޅުވުމަށްފަހު، އޭނާ ގޭގައި ހުކުމް ތަންފީޒުކުރުމުގެ ހުއްދަވެސް ދެއްވާފައެވެ.

މިއީ، އަދިވެސް ކޮންޒަވޭޓިވްންގެ ތާއީދު ވަރަށް ބޮޑަށް އޮންނަ، ފްރާންސްގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާހަމައަށް ރައީސްކަން ކުރެއްވި ޝާކޯޒީގެ މައްޗަށް މި އަހަރު އައި މިފަދަ ދެވަނަ ހުކުމެވެ.

ޝަރީއަތުގައި ޕްރޮސެކިއުޓަރުން ބުނެފައިވަނީ، ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ހޭދަކުރަމަށް އިންތިޚާބާބެހޭ ގާނޫނުން ފުރުސަތު ދީފައިވާ އަދަދު ކަމުގައިވާ 19.2 މިލިއަން ޑޮލަރަށްވުރެ ދެގުނަ އިތުރަށް ޝާކޯޒީ، ކެމްޕޭން ރެލީތަކަށް ޚަރަދު ކޮށްފައިވާ ކަމަށާއި އަދި އެއަށްފަހު، މި ޚަރަދުތައް ފޮރުވުމަށް ފަހުން އޭނާއާއި ގާތްކަން އޮންނަ ޕަބްލިކް ރިލޭޝަން ކުންފުންޏަކަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.

ޝާކޯޒީވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. ފާއިތުވި ޖޫންމަހު ކޯޓުގައި އޭނާ ވިދާޅުވެފައިވަނީ، ކެމްޕޭންގެ ލޮޖިސްޓިކްސް ކަންކަމުގައި އޭނާ ހަރަކާތްތެރި ވެފައި ނުވާކަމަށާއި، އަދި ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ކުރެވުނު ކެމްޕޭނުގައި ފައިސާ ހޭދަކޮށްފައިވާ ގޮތުގެ ތަފްސީލުވެސް އޭނާއަށް އެގިވަޑައި ނުގަންނަވާ ކަމުގައެވެ.

އެހެންނަމަވެސް ކޯޓުން ބުނެފައިވަނީ، ގާނޫނުން ހުއްދަ ކުރާ މިންވަރަށްވުރެ އިތުރަށް ކެމްޕޭނަށް ޚަރަދު ކޮށްފައިވަނީ ޝާކޯޒީއަށް އެގިގެން ކަމަށާއި، އެއަމަލު ހުއްޓުވުމަށް އޭނާ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި އިތުރަށް ކޯޓުން ބުނެފައިވަނީ، މި ޚަރަދުތަކަށް ޒިންމާ ވުމަށް، ކުރި ހުރިހާ ޚަރަދަކަށް ޝާކޯޒީ ވަކިން ވަކިން ހުއްދަ ދިނުންވެސް ލާޒިމް ނުވާކަމުގައެވެ.

ކުރިޔަށްދިޔަ ޖުޑީޝަލް އިންކުއަރީއެއްގެ މައުލުމާތު ހޯދުމަށް އޭނާ ފަނޑިޔާރަކަށް ރިޝްވަތު ދިންކަމުގެ ކުށްވެސް މިއަހަރުގެ މާރްޗްމަހު އޭނާގެ މައްޗަށްވަނީ ސާބިތު ވެފައެވެ. އަދި ކުށް ސާބިތުވެ އޭނާގެ މައްޗަށްވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް 3 އަހަރުގެ ޖަލުހުކުމްން 2 އަހަރު ފަނޑިޔާރުވަނީ ތަންފީޒުކުރުން ލަސްކޮށް ދެއްވާފައެވެ. އަދި އަނެއް އަހަރުގެ އޭނާ ޖަލުގައި ހޭދަކުރައްވަން ފައްޓަވާފައި ނުވަނީ، މި ހުކުމްގެ އިސްތިއުނާފީ މަރުހަލާ ކުރިޔަށް ދާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.