ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދެވިކަމަށް މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރެއްވި ތުހުމަތަސް ޖަވާބު ދެއްވާނެކަމަށް ރައީސް ޞާލިހު ވުދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ރައީސް ސޯލިހު ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގެންނެވި ވަގުތުގައި އެތަނުގައި ތިބި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުންނާއި، ބައެއް އާންމުންވަނީ ރައީސާއި ސުވާލުތަކެއް ކުރައްވާފައެވެ.
ބައެއް މީހުން ވަނީ ރައީސް ޞާލިހަށް ކުރެވޭ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައި ކުރެވޭ ތުހުމަތާއި ގުޅިގެން ސުވާލުކޮށްފައެވެ. ރައީސް ވަނީ އެސުވާލަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެވަގުތު ނޫންކަމަށް ވިދާޅުވެ ރައީސް ވަނީ ކާރުކޮޅަށް އަރާވަޑައިގެންފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، ތަފުސީލަށް ވަޑައިގެން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ޕޮލިހުގައި ވެސް ހުންނާނެ ކަމަށެވެ.
އަދި، ފުލުހުންގެ އެ ލިސްޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ ނަންތައް ކަނޑާލައިފައިވާ ކަމުގެ ތުހުމަތު ކުރައްވައި، އެކަމަށް ޓަކައި، އެ މައްސަލަ އިސްކޮށް ބެއްލެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހަންމަދު ރިޔާޒު، ﷲއަށް ބިރުވެތިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އެކަން ހިނގިއިރު އޭނާ ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކަމަށާއި އުޅުއްވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. ރައީސް އޭރު ހުންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގައެވެ.
އަލީ ވަހީދު އެހެން ވިދާޅުވި ނަމަވެސް، އެމްއެމްޕީއާރުސީގެ އެއްވެސް ތަހުގީގެއްގައި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ހިޔާނާތުގެ ފައިސާ އެއްވެސް ގުޅުމެއް އޮތް ކަމެއް އެނގޭކަށް ނެތެވެ. އޭސީސީ އާއި ރައީސް އޮފީހުން ވެސް ކުރިން ވެސް ބުނެފައި ވަނީ ހިޔާނާތުގެ އެއްވެސް ކަމަކާ އަދި ފައިސާއަކާ ވެސް ރައީސާ ގުޅުމެއް ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ