ޕީއެސްޖީގައި މެސީގެ ފުރަތަމަ ލަނޑު ސިޓީ ކޮޅަށް

ޕީއެސްޖީގައި މެސީގެ ފުރަތަމަ ލަނޑު ސިޓީ ކޮޅަށް

Author
މުޙައްމަދު ޝަޒައިމް
29 ސެޕްޓެމްބަރ 2021 09:36
0

ބާސެލޯނާގެ ލެޖެންޑް ލިއޮނަލް މެސީ އެޓީމަށް ކާމިިޔާބު ކުރި ފުރަތަމަ ގޯލް ޗެންޕިއަންސްލީގުގައިރޭ މެންޗެންސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އޭގައި ހިމެނޭ ޕީއެސްޖީ މޮޅުވީ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިދުރީސާ ގާނާ ގޭއެވެ. އޭގެ ފަހުން ސިޓީން މި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ޕީއެސްޖީން ވަނީ ރަނގަޅަށް ޑިފެންސްކޮށް ސިޓީ ހުއްޓުވާފައެވެ.

މި މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި ކީލިއަން އެމްބާޕޭގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ގްރޫޕް އޭގައި ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާާއެކު އެވެ. ސިޓީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. މެޗުން ޕީއެސްޖީ މޮޅުވިނަމަވެސް ސިޓީން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ޓީމަށް އެންމެ ބޮޑު ހުރަހަކަށްވީ ޕީއެސްޖީގެ އުއްމީދީ ގޯލްކީޕަރު ޑޮނަރުއްމާ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މި މެޗުގައި ސިޓީގެ ގިނަ ހަމަލާތަަކެއް ދިފާއުކޮށްފައެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ ކުލަބު ބްރޫޖުން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އާރްބީ ލައިޕްޒީގް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕީއެސްޖީއާއި، ދެވަނައިގައި އޮތް ބްރޫޖަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސިޓީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ފުލުގައި ލައިޕްޒީގް އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.