ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ، ކުރީގެ ހާލަތަށް ރުޖޫއަވެވޭނެކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވިދާޅުވަމުން ދިޔައީ 2022 ވަނަ އަހަރު އިޤްތިޞާދު ކުރީގެ އޮތް ހާލަތަށް އިޔާދަ ކުރެވޭނެކަމަށެވެ. ކޯވިޑާއި ގުޅިގެން ސިވިލްސާވިސް މުވައްޒިފުންގެ ކަނޑާލި އެލަވަންސް ދެވޭނެ ތާރީހެއް ސާފުކުރުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ލިޔުމުން ޖަވާބު ހޯދުމަށް ދެންނެވުނު ސުވާލުގައި މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19 އާ އެކު ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ހިނަރުކަމާއެކު، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމަށެވެ.
މިއަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ފިސްކަލް ސްޓްރެޓަޖީ 2024 – 2022″ ގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކޯވިޑް-19 ގެ ހާލަތުން އަރައިގަނެވި އާންމު ހާލަތަކަށް ރުޖޫޢަވެވެންދެން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންގެންގޮސް އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިއޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތުގެ އާމްދަނީ ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް އިއާދަވާނެކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުކަމަށެވެ. އެއަހަރާ ހަމައަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ކޭޝްފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ، ފިސްކަލް ސްޓްރެޓެޖީ އާއި ބަޖެޓުގެ ހިސާބުތައް ތައްޔާރުކުރުމުގައި ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުވައްޒަފުންގެ ޕްރޮމޯޝަން އަކީ ކޯވިޑް-19 އާއެކު ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލާފައިވާ އެލަވަންސެއްކަމަށާއި، މިގޮތުން އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތަޢުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕަރފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަޑާލެވުނުކަމަށެވެ. އިގުތިސާދީ ގޮތުން ދިމާވި ދަތި ހާލަތުން އަރައިނުގަނެވުނު ނަމަވެސް، ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ މަތިން ސެޓިފިކެޓް އެލަވަންސް މިހާރު ވަނީ ދޭންފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޕާފޯމަންސް އެލަވަންސް އަދި ދޭންފަށާފައިނުވާއިރު، މި އެލަވަންސް އަލުން ދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީ އަށް އައި ހީނަރުކަން ފިލައިގޮސް، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުންކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ގެއްލިގެން ދިޔަ އާމްދަނީއަކީ މުސްތަގުބަލުގައިވެސް ދައުލަތައް ލިބޭނެ އާމްދަނީއެއް ނޫންކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ޚަރަދާއި ޑެފިސިޓް ބެހެއްޓުމަށް އެޅި ފިޔަވެއްގެ ގޮތުން ހުއްޓާލެވުނު އެލަވަންސެއް އަލުން ދޭން ފަށާއިއިރު، އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޯވިޑާއި ގުޅިގެން ދިމާވި އުގަދޫ ހާލަތުގައިވެސް ސަރުކާރުން އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކޮށް މުސާރަތައް ބަރާބަރަށް ދެވިގެންދިޔަކަމީ މިހާލަތުގައިވެސް ސަރުކާރުން ގެންގުޅުއްވި ހަރުރަނާ އިޤްތިޞާދީ ސިޔާސަތު ހާމަވާކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާއެކު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރު ކުޑަވި ނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން މަދު ނުކޮށް، މުސާރައިން އުނިނުކޮށް، ދައުލަތުގެ ޚަރަދުތައް މެނޭޖް ކުރެވުމަކީ، ދިވެހިރާއްޖޭގެ އިޤްތިސާދުގެ ތިންބައިކުޅަ އެއްބައި ފޮހެވިގެން ދިޔަ އަހަރެއްގައި، ލިބުނު ކާމިޔާބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި ފަދައިން މެނޭޖްކުރުމާއެކު ދައުލަތުގެ ދަރަނި އިތުރުވެފައިވާތީ، މި އިޤްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރަގަނެވުނަސް ކުރިއަށް ގެންދާންޖެހޭ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ސިއްހީ އަދި އިގުތިސާދީ ދާއިރާތަކަށް ސަރުކާރުން އިތުރަށް ކުރަންޖެހުނު ޚަރަދުތަކާއި ގުޅިގެންނާއި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދިއުމާއި ގުޅިގެން އުފެއްދުންތެރިކަމުގެ ނިސްބަތުން ފިސްކަލް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުވެފައިކަމަށެވެ. އަދި ޑެފިސިޓާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް އަނބުރާ ގެންދިއުމަށް، އެފިޝަންސީ އިތުރުކޮށްގެންނާއި ސިޔާސަތުތަކަށް ބަދަލުގެނެސްގެން ކުޑަކުރެވެން ހުރި ޚަރަދުތައް ކުޑަކޮށް، އެކި ދާއިރާތަކުން ޚަރަދު އިތުރުވާ ނިސްބަތް އާމްދަނީ އިތުރުވަމުންދާ ނިސްބަތާއި އެއް ހަމައެއްގައި ނުވަތަ އެއަށްވުރެ ދަށުގައި ބަހައްޓަން މަސައްކަތްކުރަން ޖެހޭކަމަށެވެ.
އަދި އައު ކަންކަމަށް ޚަރަދު ކުރަން ނިންމާއިރު، ކަންކަން ޕްރައޮރިޓައިޒް ކޮށް ޚަރަދުތައް ބަހާލައިގެން ކުރިއަށް ގެންދަން ޖެހޭކަމަށާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްވެސް މަސައްކަތްކުރަން ޖެހެއެވެ. ދައުލަތުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމުގައި ޔަގީންކުރައްވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ