އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފިއެވެ. ސިލްޠާން ނިޔާވީ މިމަހުގެ 25ގައެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ޙަރަކާތެއްގައި އުޅެނިކޮށް ނިޔާވި މުޙައްމަދު ސުލްތާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އުމުރުން 22 އަހަރުގެ މުޙައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސް އަސުރުވަގުތުން ފެށިގެން މޫނުދެއްކުން ކުރިއަށްގެންދިޔައިރު އެތައްބަޔަކުވަނީ މަރުޙޫމްގެ މޫނު ދެކިފައެވެ. އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އެންމެ މަތީ އޮފިސަރުންގެ އިތުރުން، އާއިލާއާއި ޢާންމުންގެއެތައްބަޔަކު ހިމެނެއެވެ. އަދި މަޣުރިބު ނަމާދަށްފަހު އާސަހަރާގައި މުޙައްމަދު ސުލްތާން ވަޅުލާފައިވަނީ ސިފައިންގެ އޮފިސަރުންގެ އިސްވެތިބެ އަސްކަރީ އިއްޒަތުގައެވެ.
2021 ސެޕްޓެންބަރު 25 ވަނަ ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުއްލި ގޮތަކަށް ނިޔާވި، ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދުގެ 13:00 ހާއިރު، މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެއަރޕޯޓުން، ހަށިގަނޑު ގެންދެވޭނީ އާސަހަރާއަށެވެ. pic.twitter.com/oYfzEgync3
— Maldives National Defence Force (@MNDF_Official) September 27, 2021
ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އިބްރާހީމް އިންޑިއާގައި ނިޔާވުމާއި ގުޅިގެން މާލެ ގެނައިނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިނުވެއެވެ. އެއީ އާއިލާއިން އެކަންކުރަން ބޭނުން ނުވުމުގެ ސަބަބުންނެވެ.
ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނެގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އއ.ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ސިފައިންގެއާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މުޙައްމަދު ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާރިޗް 1އިން 2024ވަނަ އަހަރުގެ މާރިޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.
އޭނާ ނިޔާވުމާއި ގުޅިގެން ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ