"ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާނެ"

"ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާނެ"

ކުރީގެ ރައީސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް، އެ މަނިކުފާނު ލޯންޑާ ކުރެއްވީ ސީދާ ގއ. ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގައި ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނާއިރު ދައުލަތަށް އެކަން ސާބިތު ނުކުރެވޭ ކަމަށް ޔާމީންގެ ފަރާތުން ކުރީގެ އަޑުއެހުންތަކުގައި ވިދާޅުވެފައިވެއެވެ. އެކަމާ ބެހޭ ގޮތުން ކޯޓުގައި ގިނަ ވާހަކަތަކެއް ދިފާއީ ވަކީލުން ދެއްކެވިއވެ. އެ ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، ކުށް ސާބިތުކުރުމަށް، އެ ފައިސާ އަކީ ސީދާ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

ދައުލަތުން ސްޕްރީމް ކޯޓުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާނެކަމަށެވެ. ސަބަބަކީ އެ ކުށުގެ ޤާނޫނީ ސްޓްރަކްޗަރ ބިނާވެގެންވަނީ އެ ކުށް ތަޖްރީމް ކުރެވިފައިވާ ޤާނޫނީ ނައްޞުތަކުގެ މައްޗަށް ކަމުގައިވާއިރު، މަނީ ލޯންޑަރިންގ ގެ ކުށުގެ އެންމެހައި ރުކުންތަކާއި ޢުންޞުރުތައް އެ ކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާކަމަށެވެ. މިގޮތުން، އެކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާ މާއްދީ ރުކުނާއި މަޢުނަވީ ރުކުނުގެ އިތުރުން އެކުށުގައި “އިފްތިރާޟީ” ރުކުނެއް ވެސް ފުރިހަމަ ވާންޖެހޭނެ؛ އެ ރުކުނަކީ ލޯންޑަރ ކުރެވޭ މުދާ ނުވަތަ ފައިސާގެ މަޞްދަރަކީ ކުށުގެ ޢަމަލެއް ކަމުގައި ވުން ކަމަށް ވިދާޅުވިއެވެ.

ލޯންޑަރ ކުރެވޭ މުދަލަކީ ޖިނާއީ ކުށެއްކޮށްގެން ހޯދާފައިވާ މުދަލެއްކަމުގައި ނުވާނަމަ، މަނީ ލޯންޑަރިންގ ގެ ކުށުގެ މާއްދީ ރުކުން ފުރިހަމަވުމަށް ޤާނޫނުން ލާޒުމުކުރާ އިފްތިރާޟީ ރުކުން ނަފީވެގެން ދާނެ. ނަތީޖާއެއްގެ ގޮތުން މަނީ ލޯންޑަރިންގ ގެ ކުށްވެސް ނަފީވެގެން ދާނެ އެހެންކަމުން، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާޔަކީ ގއ. ވޮޑަމުލާ ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދަޢުވާކުރާނަމަ، އެ ކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާޔަކީ ޤާނޫނު ނަންބަރު 10/2014 ގެ 7 ވަނަ މާއްދާ އާ ޙަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައސާއެއް ކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް. އެކަން ސާބިތު ނުވާނަމަ ޙަވާލާދެވޭ ދަޢުވާ އަކީ ޢުންޞުރު ފުރިހަމަ ނުވާ ދަޢުވާއެއް.

– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާކަން އެކަށީގެންވާ ވަރަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓުމަކީ ކުށެކެވެ. ދައުލަތުން ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ޔާމީނަށް ޝައްކު ކުރެވެނީ އޭސީސީގެ ފަރާތްތަކުން އެ ފައިސާއާ ގުޅޭ ތަހުގީގު ހިންގާކަން އަންގާފައިވާތީ އެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގެ އޮޑިޓުން ވެސް އެކަން އެނގޭނެ ކަމަށް ބުނެފައިވެ އެވެ.

އެސްއޯއެފްގެ ފަައިސާ އަކީ ސައްހަ ނޫން ފައިސާކަމެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ޔާމީންގެ ފަރާތުން ބުނެ އެވެ. އެސްއޯއެފުން ސައްހަ ބޮޑެތި މުއާމަލާތްތައް ވެސް ހިންގާކަން ސާބިތުކުރަން އެ މަނިކުފާނުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ސިވިލް ކޯޓުގެ ގަޒިއްޔާއެއް ވެސް ހުށަހެޅި އެވެ. އެކަމަކު ދައުލަތުން މިއަދު ބުނީ އެ ގަޒިއްޔާގެ މައްޗަށް އެކަނި އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ ސައްހަ ފައިސާ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *