ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ ހަމައެކަނި ލީޑަރަކީ އޭނާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ހެއްކާއި ބެހޭ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްއެމްޑީޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ ސިޔާސީ އެއްވެސް ލީޑަރެއް އޭނާ ނޫނީ ނެތްކަމަށެވެ. ޑީއާރުޕީގެ ލީޑަރުގެ ރައީސްގެ ކަން ކުރައްވާ ޖާބިރު ވިދާޅުވީ އޭނާ ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވަން ބޭނުންވަނީ ޚިޔާނާތުގެ ފައިސާގެ ކުޑަމިންވަރެއްގައިވެސް ޖެހިފައި ނެތުމުންކަމަށެވެ.
މިހާތަނަށް ނެރުނު އެއްވެސް ލިސްޓެއްގައި އޭނާގެ ނަން ނެތްކަމަށާއި، ނަމަވެސް އެލިސްޓުގައި ނެތް ސިޔާސީ ލީޑަރެއް އޭނާ ނޫނީ ނެތްކަމަށެވެ.
އަޅުގަނޑު ރާއްޖޭގެ ރައީސްކަމަށް މިވާދަކުރަން ނިންމީ ސިޔާސީ ގޮތުން ތިއްބެވި ހުރިހާ ލީޑަރުން ޚިޔަނާތުގެ ފައިސާގައި ޖެހިފައި ވުމުން. އަޅުގަނޑުނޫނީ ނެތް އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހޭ މީހެއް. ހުރިހާ ލީޑަރުން ތިބީ ޚިޔާނާތްވެފަ. ލީޑަރަކަށް އެފައިސާގައި ނުޖެހެނީ އަޅުގަނޑު އެކަނި.
– ޖާބިރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.