ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އިދާރާތައް ޖަވާބުދާރީ ކުރުވަން މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ވިދާޅުވީ ރޭގެ ހާދިސާ ހިނގަން ފެށުމާއެކު އެ ކަމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ކޮމިޓީން ފަރާވެރިވާން ފަށާފައިވާ ކަމަށެވެ. ޖީހާން ވިދާޅުވީ، އެ ކަމުގެ މައްޗަށް ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ދިނުމަށް ލިޔުމުން ފޮނުވާފައިވާނެ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕާސަން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ކުޑަކުދިން ކުށްކުރުން ގިނަވެ، 13 އަހަރުގެ ކުއްޖަކު މަރާލުމުން، ޖެންޑާ ކޮމިޓީން ވަނީ ކަމާބެހޭ މުވައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން އިއްޔެ ވަނީ ފުރާޅަށް އަރާ އަޑުގަދަ ކޮށް އެކިވަރުގެ ގެއްލުން ދީ ހުޅު ވެސް ޖަހާފައެވެ.
ފިޔަވަތީގައި ހިނގަމުންދަ ކަންކަމާއި ގުޅިގެން ޖެންޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި މިވަތުގުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން ދާކަމަށެވެ،
ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން މި ސަރވިސްއިން ގަބޫލު ކުރަން. އެހެންނަމަވެސް، ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއްކަން ފާހަގަކުރަން.
– ޖެންޑަރ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް މި ސަރވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ޖެންޑާއިން ވަނީ އެދިފައެވެ.
ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގައި ތަފާތު މައްސަލަތައް ދިމާވަމުންދާއިރު، މިފަދަ އެއްވެސް މައްސަލައެއް ހައްލު ނުކުރެވި، މައްސަލަބޮޑުވާ ކޮންމެ ފަހަަރަކު ޖެންޑާ މިނިސްޓްރީން ކުޑަ ބަޔާނެއް ނެރުމަށްފަހު ނިންމާލައެވެ. ހިޔާގައާއި، ފިޔަވަތީގައި އެތައް ފަހަރަކު ހުޅުޖަހައި ހަދާއިރުވެސް މިކަމަށްވެސް މިނިސްޓްރީއަށް ހައްލެއް ނުގެނެވުނެ. ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިން ބެލުމަށް ޖެންޑާ މިނިސްޓްރީގެ އިހުމާލުވުން ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ