އެއްވެސް މީހެއްގެ ހައްގު ނުގެއްލޭ ގޮތަކަށް ކަންކަން ތަރުތީބު ކުރަންޖެހޭ: ނާއިބް ރައީސް

އެއްވެސް މީހެއްގެ ހައްގު ނުގެއްލޭ ގޮތަކަށް ކަންކަން ތަރުތީބު ކުރަންޖެހޭ: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 08:44
0

އެއްވެސް މީހެއްގެ ހައްގު ގެއްލިގެން ނުދާނެފަދަކޮށްތަކަށް ކަންކަން ތަރުތީބު ކުރަންޖެހޭ ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށާއި އިލެކްޝަންސް ކޮމިޝަންސްގެ ކުރިއަށް އޮތް 5 އަހަރުދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ހައްގު ގެއްލޭގެން ނުދާނެފަދަކޮށްތަކަށް ކަންކަން ތަރުތީބު ކުރަންޖެހޭކަމަށާ، ޑިމޮކްރަސީގެ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭގޮތަށްކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ބަސް އަހަން ޖެހޭ. ކޮންމެކަމެއްގައިވެސް ހަމަހަމަކަން ގެންގުޅެންޖެހޭ. އަންހެން ބޭފުޅުންނަށް ސިޔަސީ މައިދާނުގައި ދުވަހުން ދުވަހަށް އިތުރުކުރަން ޖެހޭ.

– ނައިބްރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ނާއިބް ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުޞަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވައި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޤްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އޭގެ އިތުރުން މި ހަފުލާގައި އެ މަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މި ހަފުލާގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބު ޕޯޓަލްވެސް އިފްތިތާޙްކޮށްފައިވެއެވެ. މި ޕޯޓަލްއަކީ ނިމިދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.