ރާއްޖޭޣައި މަތީ ތަޢުލީމް ފޯރުކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާ ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިވަޑައިގެންފިއެވެ.
އެމްއެންޕީން ބުނީ، ފުޅާދާއިރާއެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި މަތީ ތައުލީމް ފެތުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ސައިރިކްސް ކޮލެޖްގެ ޗެއާމަން ސައިރިކްސް ޝަރީފް އެމްއެންޕީއާއި ގުޅިވަޑައިގެންފިކަމަށެވެ. އަދި އެޕާޓިން ވަނީ ޝަރީފަށް މަރުޙަބާ ދަންނަވާފައެވެ. ޝަރީފް އެމްއެންޕީއާއި ގުޅިވަޑައިގަތް ފޯމާއި ހަވާލުވެވަޑައިގަތީ އެމްއެންޕީގެ އެއް މުއައްސިސް، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމްއެވެ.
ފުޅާދާއިރާއެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި މަތީ ތައުލީމް ފެތުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ސައިރިކްސް ކޮލެޖްގެ ޗެއާމަން ސައިރިކްސް ޝަރީފް އެމްއެންޕީއާއި ގުޅިވަޑައިގެންފި. މަރުހަބާ ޝަރީފް. pic.twitter.com/EUQoA7EE8n
— Maldives National Party (@MNP_Secretariat) September 14, 2021
5،000 އަށްވުގެ ގިނަ މީހުންގެ ފޯމާއިއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ. އެމްއެންޕީން އަންނަނީ އެޕާޓިއަށް މެންބަރުން އިތުރުކުރުމަށް ރާއްޖޭގައި ބޮޑު ހަރަކާތެއް ހިންގަމުންނެވެ.
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ. އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ