ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހުށަހެޅި އިރު އޭނާ ވަޒީރުކަމުގައި ހުންނެވި އިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓަން އެދިފައި އޮތުމުން އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ހުކުމުގައި ވަނީ އަލީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައި ވަނިކޮށް، އޭނާގެ އަމިއްލަ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ބަދަލުގައި، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުން އެދުނު އެދުމަކީ "ކަމަކަށް ކަމެއް ކުރުމުގެ ގޮތުން" ކޮށްފައިވާ ކަމެއް ކަމަށެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށެވެ. އެކަމަކު އެއީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށާއި އަލީ ރާއްޖެ އިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމިއިރު، އޭނާ މިހާރު ހުންނެވީ ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަށް އޭނާ ހާޒިރުނުވި މައްސަލާގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ