ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމުގައި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްވެސް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ޓާރމިނަލް ބިލްޑިންގްގެ ކޮލަމް މަސައްތް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތް ނިމިއްޖެ. މިހާރު ކުރިއަށްދަނީ ޓާރމިނަލް ބިލްޑިންގްގެ ކޮލަމް މަސައްކަތް. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/BCcdh4X914
— MTCC Plc (@MTCCPlc) September 9, 2021
ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނު ނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމްލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ، ސަރުކާރާއި ޙަވާލުކުރުމެވެ.