އަލިފުށީގައި އެއާޕޯޓް ތަރައްޤީ ކުރުމަށް ރަށުގެ ރައްޔިތުންނާއި، ކައިރި ރަށްތަކުން އެދޭގޮތަށް އެއާޕޯޓް އަޅުމަށް ކުރިމަތިވާ ހުރަސްތަކުގައި އިންޗިއެއްވެސް ދޫ ނުދެއްވާނެކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިރޭ ވިދާޅުވެއްޖެއެވެ.
އަލިފުށީގައި އެއާޕޯޓް ތަރައްޤީ ކުރުމަށް ކުއްލިއަކަށް ނިންމި ނިނުންމާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އިއްޔެގެ މަޖިިސް ޖަލްސާގައި މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިއީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި، ފައިސާ ހޯދި ގޮތެއް ހޯދިތަނެއްވެސް އެގުމެއްނެތި ކޮށްފައިވާ ކަމެއްކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.
ރޭ އަލިފުށީފައި އޮތް ޖޮބް ސެންޓަރު ހުޅުވުމުގެ ޖަލްސާގައި ބިގޭ ވަނީ މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަތަކަށް ވަރަށް ފާޅުގައި ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ އެންމެ ބޮޑު ވައުދަކަށް ވެސް އޮތް އެއް ކަމަކީ އަލިފުށީގެ ދަތުރުފަތުރުގެ އިންތިޒާމުތައް ވަރުގަދަ ކުރުން ކަމަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއު ވާނީ އަލިފުށި ރައްޔިތުންނަށް ނުހަނު މުހިއްމު މަޝްރޫއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްގެން އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވީ މި ކަމާ ގުޅިގެން ބަޔަކު އޭނާއާއި އަލިފުއްޓާއި ވެސް ޒާތީ ގޮތުން ދިމާ ކުރަމުންދާ ކަމަށާއި އެއީ އޭނާ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އަޅުގަނޑަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރި މީހެއް. އަލިފުށީ ބިން ހިއްކުން ބަޖެޓް ކުރެވިފައި އެބައޮތް. ޕީއެސްއައިޕީގެ ތެރޭގައި ވަކި ރަށެއްގެ ނަން ނެތި އެއާޕޯޓް އެޅުން ހިމަނާފައި އެބައޮތް.
– ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވި ގޮތުގައި އެމްޓީސީސީއާ ހަވާލުވި ބޮޑު މަޝްރޫއު، ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވަނީ އެކުލަވާލައިފަ އެވެ. އުއްމީދަކީ، 2023 ގައި އަލިފުއްޓަށް ފްލައިޓެއްގައި ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ރ. އަތޮޅަށާއި އަދި ށ. އަތޮލުގެ ބައެއް ރަަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ރ. އަލިފުއްޓަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން ރައީސަށް މަރުހަބާ ކިޔުމަށްޓަކާ އެރަށުގެ ބަނދަރުގައި އެއަރޕޯޓު ޓަވަރުގެ ނަކަލެއްވެސް ވަނީ ބަހައްޓާފައެވެ.
ރާއްޖޭގެ ކުންފުންޏަކާ ހަވާލުކޮށްގެން މިހާތަނަށް ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީއާއިއެކު ސޮއިކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.