ހދ.ކުޅުދުއްފުށިގެ މޮނިޓަރިންގެ ޙާލަތު އުވާލައިފިއެވެ. އެޗްޕީއޭއިން ބުނީ ކުޅުދުއްފުށީ މޮނިޓަރިންގެ ޙާލަތު އުވާލަފައިވަނީ އެރަށުން އެންމެ ފަހުން ނެގި 380 ރެންޑަމް ސާމްޕަލް ނެގެޓިވްވުމުންކަމަށެވެ. އެންމެ ފަހުން ނެގި 380 ސާމްޕަލް ނެގެޓީވްވެފައިވާއިރު، އޭގެ ކުރިން ނެގި 100 ސާމްޕަލަކާއި 120 ސާމްޕަލް ވެސް ވަނީނެގެޓިވްވެފައެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ޙާލަތަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީގެ މޮނިޓަރިންގެ ޙަލަތު އުވާލިނަމަވެސް ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ޙަލަތަށް ލާފައިވަނީ ފަހުގެ ތާރިޚެއްގައި މާލެއަށް ދަތުރުކޮށްފައިނުވާ ފުލުހެއް އެެރަށުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެރަށުން ޖުމްލަ 9 މީހަކު އެކްލަސްޓާގައި ޕޮޒިޓިވްވެފައިވެއެވެ. އެއީ 6 ދިވެހިންނާއި 3 ބިދޭސީންނެވެ. ކުޅުދުއްފުށިން ލޯކަލް ޓްރާންސްމިޝަނެއް ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ