ބަރުލަމާނީ ނިޒާމުގެ ބިލަށް ވޯޓް ދެއްވީ ޖާބިރު އެކަނި، ބިލު ބޭރުކޮށްލައިފި

ބަރުލަމާނީ ނިޒާމުގެ ބިލަށް ވޯޓް ދެއްވީ ޖާބިރު އެކަނި، ބިލު ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 01:26
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވި ބިލް މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މިބިލް ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލާފައިވަނީ މިއަދު ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 51 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ މިބިލް ހުށަހެޅުއްވި މެމްބަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހަކީ މިވަގުތު ބަހުސްކުރަން އެންމެ ރަނގަޅު އިސްލާހެއް ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެބޮޑަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖާބިރު ހުށަހަޅުއްވަފައިވާ އިސްލާހު މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެޖެންޑާކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ނަމަވެސް މިއީ ވެރިކަމުގެ ނިޒާމުގެ ވާހަކަ ދައްކައި ޤާނޫނަށް ބަދަލު ގެންނަވީ ވަގުތުނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގަ އެވެ. ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވާއިރު ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތުންގެ ވޯޓަކުން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.