ކޮންމެ ދިވެހިރައްޔިތަކީވެސް ހަމަހަމަ އުސޫލުން ހައްޤުތައް ލިބިގެންވާ ރައްޔިތެކެވެ. އެހެންނަމަވެސް ވަކި މީހަކަށް ވުމުން ވަކި ގޮތެއް ހެދުމަކީ މިއީ ދިވެހިޤައުމުން ފެންނަމުން އަންނަ އާދައެކެވެ. މި އާދައިގެ ސަބަބުން ދައުލަތުގެ ޚަރަދުބޮޑުވެ ރައްޔިތުންގެ ފައިސާ އިސްރާފުވާގޮތް ވެއެވެ. ވަކިން ޚާއްސަކޮށް މި ދުވަސްވަރަށް ބަލާއިރު މިއީ މުޅި ދުނިޔެއަށްވެސް އިޤްތިސާދީ ހީނަރުކަން އައިސްފައިވާ ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއަށް މި އިޤްތިސާދީ ހީނަރުކަމުގެ ދަތިކަން އިޙްސާސް ކުރަންޖެހެއެވެ. ޚަރަދުތައް ކުރުމަށާއި ބަޖެޓް ފޫބެއްދުމަށްޓަކައި ދިވެހި ޤައުމުގެ ތަންތައް މިހާރު ދަނީ ރަހީނުކުރަމުންނެވެ. މިއީ އެއްވެސް ހާލެއްގައި ދިވެހީންނަށް ބަރުދާސްތުކުރެވޭނެ ކަންކަމެއް ނޫނެވެ. ކަން މިހެން އޮތްނަމެވެސް ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އަދިވެސް ގެންދަނީ ގިނަ ޚަރަދުތަކެއް ކުރަމުންނެވެ.
މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒްކޮށްގެން ދެވުނު ހަމަލާ ތަހްގީގް ކުރުމަށް އެމަނިކުފާނުގެ ބަޔާން ނެގުމުގެ ވާހަކައެވެ. އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނުގެ ބަޔާން ނެގުމަށްޓަކައި ދިވެހި ފުލުހުންނަށް މިޖެހުނީ އިނގިރޭސިވިލާތަށް ދާށެވެ.
ދިވެހި ފުލުން ރައީސް ނަޝީދުގެ ބަޔާން ނެގުމަށްޓަކައި އިނިރޭސިވިލާތައް ދާކަމުގައިވަނީނަމަ އެއީ ވެސް ކުޑަ ޚަރަދަކަށް ނުވާނެކަން ޔަޤީނެވެ. ފުލުހުންގެ ތަޙްޤީގު ޓީމުން ބަޔާން ނެގުމަށްޓަކާ ދާނެ ޓީމުގެ އެންމެންގެ ދެކޮޅު ޓިކެޓެވެ. ހުރުމާއި ކެއުމެވެ. ދަތުރުފަތުރެވެ. މިއީ ހައްތަހާވެސް ދިވެހި ދަޢުލަތުން ނުވަތަ ދިވެހީންގެ ޓެކްސް ފައިސާއިން ކުރާނެ ޚަރަދެވެ. ސުވާލަކީ ޤައުމުގެ އެކި ތަންތަން ރަހުނު ކުރަމުންދާ ދުވަސްވަރެއްގައި އެފަދަ ޚަރަދެއް ކުރުމަކީ ނުވަތަ ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއްވެސް ޚަރަދު ކުރުމަކީ ރަނގަޅުކަމެއްބާވައެވެ.
މިވާހަކަތަކާއެކު ދެކެވެންފެށި އަނެއް ވާހަކައަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވާހަކައެވެ. އަލީވަހީދުގެ މައްސަލަތައް ބެލުމަށްޓަކައި އަލީ ވަހީދު ދިވެހިރާއްޖޭގެ ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އާންމުންގެ ބަޔަކު އުފައްދާ ސުވާލަކީ ރައީސް ނަޝީދުގެ ބަޔާން ނެގުމަށްޓަކައި ދިވެހި ފުލުހުން އިނގިރޭސިވިލާތައް ދާކަމުގައި ވަނީނަމަ އަލީ ވަހީދުގެ މައްސަލަ ބެލުމަށްޓަކައި ފަނޑިޔާރުންނަށް ނުދެވެންވީ ކީއްވެތޯއެވެ. މިއީ ހަޤީގަތުގައިވެސް ރަނގަޅު ސުވާލެކެވެ.
އާންމު ރައްޔިތެއްގެ ބަޔާނެއް ނަގަން ނުވަތަ އާންމު ރައްޔިތަކަށް ކަމެއް ދިމާވުމުން އެކަމެއް ހައްލު ކުރުމަށް ނުވަތަ ބަޔާން ދިނުމަށް އެ ރައްޔިތުމީހާއަށް ޖެހޭނީ އެ މުވައްސަސާއެއް ހުރިތަނަކަށް ދާށެވެ. މުވައްސަސާއެއް އެ މީހެއްގެ ކައިރިއަށް ދާނެ އެއްވެސް ގޮތެއް ނޯވެއެވެ. އުނދަގުލެއް ތުރާލެއް އުފުލަން ޖެހޭނަމަ އެ އުފުލަން ޖެހޭނީ އާންމު ރައްޔިތުމީހާއެވެ.
ބަޔާނެއް ނެގުމަކީ ބޮޑު ކަމެއްތޯއެވެ. ނުވަތަ ބުރަ ކަމެއްތޯއެވެ. މިއީވެސް އާންމުން އުފައްދާ ސުވާލެކެވެ. މި ސުވާލަަށް ވަރަށް ގިނަބަޔަކު ދޭ ޖަވާބަކީ މިއީ 2021 ކަމުގައެވެ. މިއީ ތަރައްޤީގެ ޒަމާން ކަމުގައެވެ. އެހެންވީއިރު މިހާ ފަސޭހަ ޒަމާނެއަައި ބަޔާނެއް ނެގުމަށް ދަތުރު ހަދައިގެން އިނގިރޭސިވިލާތައް ދާންޖެހޭނެތޯއެވެ. ކޮންމެއަކަސް ބަޔާނަކީ ގަނޑެއްގައި ނުވަތަ ކޮންޕިއުޓަރުން ޓައިޕް ކުރާނެ އެއްޗެކެވެ. ދިވެހި ފުލުހުންގެ ސުވާލުތައް ރައީސް ނަޝީދަށް ފޮނުއްވުމުން އެމަނިފާނަށް ޖެހިވަޑައިގަންނަވާނީ އެ ސުވާލުތަކުގެ ޖަވާބު ލިއުއްވާށެވެ. މިއީ ވަރަށް ފަސޭހަ އަދި ސިންޕަލް ގޮތެކެވެ. އެމަނިކުފާނުގެ ބަޔާނުގައި ބޭނުންފުޅުވާ ކަންކަން ހިމެނުމަށްފަހު މެއިލްކޮށްލުމުން އެކަން ނިމުނީއެވެ.
މިހާ ކުޑަކުޑަ ކަމެއްގައި ދިވެހި ފުލުންގެ ޓީމެއް އިނގިރޭސިވިލާތައް ދިނުމަކީ ހަމަ އަސްލައްވެސް އެންމެ ރަނގަޅު ގޮތްބާވައެވެ. ދިވެހިންގެ ތެރޭގައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ މީހުން އުޅޭއިރު މި ދަތުރައް ހިނގާނެ ޚަރަދު އެ ނިކަމެތި ރައްޔިތުންގެ އެއްއިރުގެ ކޮށްތު ދިނުން ކީއްތޯއެވެ.
ކޮމެންޓު ފޮނުވާ