ޔާމީނަށް ހުކުމް ކުރުމަށް ޤާސިމް ނުގުޅުއްވާ، ތަހުޤީގު ކުރައްވާނަމަ އެއްބާރުލުންދޭން ތައްޔާރު

ޔާމީނަށް ހުކުމް ކުރުމަށް ޤާސިމް ނުގުޅުއްވާ، ތަހުޤީގު ކުރައްވާނަމަ އެއްބާރުލުންދޭން ތައްޔާރު

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2021 06:02
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ހުކުން ކުރުމަށްޓަކައި، ޤާޟީ ހައިލަމަށްވެސް އަދި އެނޫން ބޭފުޅަކަށްވެސް ގުޅުވައްވައި ހުކުމާއި ގުޅޭ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޖަލަށް ލުމަށް ހުކުމްކުރުމަށް، މައްސަލަ ފުރަތަމަ ބެއްލެވި ޤާޟީ އަޙްމަދު ހައިލަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގުޅުއްވިކަމަށް އިދިކޮޅު ކޯލިޝަނާ ހަވާލުވެހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވަނީ ރޭ ވިދާޅުވެފައެވެ. އަދުރޭގެ މިވާހަތަކާއި ގުޅިގެން އިލްހާމް ވިދާޅުވީ ޤާސިމަކީ އެއްވެސް މީހެއްގެ ޝަރީއަތަށް އަތްބާނައި، ވަކި ގޮތަކަށް ހުކުމް ކުރެއްވުމަށް ބާރު އަޅުއްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރުމަށް ޤާޟީ ހައިލަމަށްވެސް އަދި އެހެން ބޭފުޅަކަށްވެސް ގުޅުއްވާފައި ނުވާނެކަމަށެވެ. އެކަން އިތުރަށް ބަލަން ބޭނުންނަމަ، ތަހުގޤީޤް އިދާރާތަކުން އެކަން ކުރެއްވުމަށް އިލްހާމް ވަނީ ގޮވާލާފައެވެ.

އޮނަރަބަލް ޤާސިމް އިބްރާހިމް ހައިލަމް އަކަށް ގުޅުއްވާފައި ނޯންނާނެ. އަޅުގަނޑު ޕޮލިހަށާއި، ދައުލަތުގެ އިދާރާތަކަށް ގޮވާލަން ހައިލަމް ކުރީގެ ފަނޑިޔާރު ނުވަތަ ކުރީގެ ޤާޒީ ހައިލަމަށް ގުޅުއްވައިގެން ޤާސިމް އިބްރާހިމް ރައީސް ޔާމީނަށް ހުކުމް ކުރުމަށް ނުވަތަ އެފަދަ އެއްވެސް އިބާރާތެއް ނުވަތަ އެފަދަ އެއްވެސް މައުލޫމާތެއް، ޝަރީއަތް ދަނީ ކިހިނެތްތޯވެސް ބަލަން ގުޅުއްވާފައިވާނަމަ އެކަން ބަލަން މިހާރުވެސް ތަހީގް ފައްޓަވާށޭ. އޮނަރަބަލް ޤާސިމް ހުންނެވީ މިހާރުވެސް އެކަން ކުރައްވަން ތައްޔާރަށް.

– އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޤާސިމަކީ މިީހުންނަށް އަނިޔާދީ ހައްދަވާނެ ބޭފުޅެއް ނޫންކަމަށެވެ. އެމަނިކުފާނު ބަލި އެދުގައި އޮއްވައި ހުކުމްކޮށް، މުޅި މާލިއްޔާ ފްރީޒް ކުރެއްވީވެސް ކޮން ވެރިކަމެއްގައިކަން ވާހަކަ ދައްކަވާ ބޭފުޅުންނަށް އޮޅިފައި ނޯންނާނެކަމަށް އިލްހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާސިމާއި ގުޅުވައިގެން ވާހަކަ ދައްކަވާ ބޭފުޅުންކީ ފަސްބައި ކިހިނެތް ތިއްބެވި ބޭފުޅުންކަން ވަރަށް ރަނގަޅަށް އެގޭކަމަށެވެ. އަދި އެގޮތަށް ވާހަކަތައް ދައްކަވާނަމަ ދައްކަން ހުރި ވާހަކަތައް މާގިނަކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ އެއްވެސް އިންޓަރެސްޓެއް ނެތް މީހަކު ޖަލަށް ގެންދާކަށް. ރައީސް ޔާމީންގެ އެކައުންޓަށް މިލިޔަނުން މިލިޔަނުން ޑޮލަރު ވިހާފައިވާކަން އެގޭނެ. އެކަން ނޭގޭ މީހަކުނެތް. އެވާހަކަ ނުދައްކަމާ ހިންގަވާ. އެވާހަކަ ދައްކަވާ ބޭފުޅުންނަށް އެނގޭނެ އެއީ ކޮންބައެއްކަން. އެބޭފުޅުންނަށް އެގޭނެ އަޅުގަނޑު މިހެން އަރާ ވާހަކަ ދައްކަން ވެއްޖިއްޔާ ލައްކަ ވާހަކަ ހުންނާނެކަން.

– އިލްހާމް ވިދާޅުވިއެވެ.

ރޭ ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ ޤާސިމަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، އިއްޔެ މަޖިލީހުގެ ޖަލްސާގައި ޤާސިމް އިބްރާހީމް، ރައީސް ޔާމީނަށް ނިސްބަތްކުރައްވާ “ވަގަށް” ގޮވިނަމަވެސް، ރައީސް ޔާމިންގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގުނީ ދައުލަތުގެ މާލިއްޔަތަށް ޚިޔާނާތްތެރި ނުވުމުގެ ސަބަބުންކަމަށެވެ. އަދުރޭ ވިދާޅުވީ ޤާސިމް ގެ އަމިއްލަފުލު ރަށް އަދި ދާއިރާ މަމިގިއްޔަށްވެސް މިދިޔަ ސަރުކާރުގައި ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާނެކަމަށެވެ.

އަދި ރައީސް ޔާމިނަށް ޤާސިމްގެ ނުރުހުން ފާޅުކުރައްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤާސިމް ބޭނުންވާގޮތަށް ކަންކަން ނުކުރެވުމުންކަމަށެވެ. ރައީސް ޔާމީނަކީ ކޮންމެ ކަމެއްވެސް ޤާނޫނާއި ޤަވާއިދުން ކުރައްވަމުން ގެންދަވާ ވެރިއެއްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަކީ ވަރަށް ގޮތުގައި ހުންނަވާ ވެރިއެއްކަމަށާއި، ކޮންމެ ކަމެއް ކުރައްވާނީވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ދެކެ ގާސިމް ރުޅި އަންނަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭނުންވާހާ ކަމެއް ކުރަން ފުރުޞަތު ނުދީގެން.

– ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.

ޤާސިމަށް ތުހުމަތުކުރައްވާ އަދުރޭ ވިދާޅުވީ، ޤާސިމަކީ އަބަދުވެސް ފަނޑިޔާރުންނަށް ނުފޫޒްފޯރުވާ ބޭފުޅެއްކަަމަށެވެ. މިގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ކުރި ޙުކުމަކީވެސް ޤާސިމް އަޑީގައި ހުންނަވައިގެން ނެރުއްވި ޢަމުރެއްކަމަށްވެސް އަދުރޭ ތުހުމަތުކުރެއްވިއެވެ.

އަދުރޭ ވިދާޅުވި، ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް އިއްވުމަށް ޤާސިމް މަސައްކަތްކުރެއްވިކަމަށެވެ. އެގޮތުން ރަައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމަށް ޤާސިމް ގުޅުއްވިކަމްވެސް އަދުރޭ ތުހުމަތުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ޔާމިނަށް ތުހުމަތުކުރައްވާ ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށްވުރެ ބޮޑު އަނިޔާވެރިއެއް އަދި “ވަގެއް” ދެކެވަޑައި ނުގަންނަވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.