20 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްއާނިސްތާނުން ފައިބައިފި، އެމެރިކާގެ ތާރީޚުގައި ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް

20 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްއާނިސްތާނުން ފައިބައިފި، އެމެރިކާގެ ތާރީޚުގައި ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް

Author
ހުސެއިން
31 އޮގަސްޓް 2021 06:52
0

2001ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާއިން ބޭނުންވި ގޮތަށް، އޭރު އަފްއާނިސްތާނުގެ ވެރިކަމުގައި އޮތް، ތާލިބާނު ސަރުކާރުން، އެހަމާލާގެ ތުހުމަތު ކުރެވޭ އެންމެ އިސް ފަރާތްތައް ކަމުގައިވާ އުސާމާ ބިންލާދިން އެމެރިކާއާއި ހަވާލުނުކުރުމުން، ޓެރަރިޒަމާ ދެކޮޅަށް ހަގުރާމަ އިއުލާންކޮށް، އެމެރިކާއިން އަފްއާނިސްތާނަށް އަރާ އެގައުމު އަސްކަރީގޮތުން އަޅުވެތިކޮށްގެން އޮތް އޮތުން ނިމުމަކަށް އައިސް، އެމެރިކާގެ ހުރިހާ ސިފައިފިން އަފްއާނިސްތާނުން ފައިބައިފއެވެ.

އެމެރިކާ ސިފައިން އަފްއާނިސްތާނަށް އެރިތާ 20 އަހަރަށްފަހު، އަފްއާނިސްތާނުގައި ތިބި އެގައުމުގެ ހުރިހާ ސިފައިންވެސް މިހާރު އަފްއާނިސްތާނުން ފާބައިފައި ވާކަން އިއުލާން ކުރެއްވީ، ޔޫއެސް ސެންޓްރަކް ކޮމާންޑުގެ ވެރިޔާ މެރިން ޖެނެރަލް ފްރޭންކް މެކެންޒީއެވެ. އޭނާ މިކަން އިއުލާން ކުރެއްވީ އެމެރިކާގެ ދިފާއީ މަރުކަޒު ޕެންޓަގަންގައި ބޭއްވި ޚައްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އަހަރެން މިއިއުލާން ކުރަނީ، އެމެރިކާގެ ހުރިހާ ސިފައިންވެސް މިހަރު އަފްއާނިސްތާނުން ފާބައިފައިވާ ކަމާއި، އަދި އެގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން އެގައުމުން ބޭރަށް ގެންދިއުމަށް ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންވެސް ނިމުމަކަށް އައިސްފައިވާކަން’، އެމެރިކާ ސިފައިން އަފްއާނިސްތާނުން ފައިބައިފައި ވާކަން ހާމަކުރައްވަމުން މެރިން ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވިއެވެ.

އެެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ދިއުމުން ތާލިބާން ހަގުރާމަވެރިންވަނީ އެއަރޕޯޓުގައާއި އަދި ކާބުލްގެ އެކި ހިސާބުތަކުގައި ވަޔަށް ބަޑިޖަހާ އުފާ ފާޅުކޮށްފައެވެ. އަދި އަފްއާނިސްތާން ބޭރުގެ ބާރުތަކުން މިނިވަންކުރެވިފައިވާކަންވެސް ތާލިބާނުންވަނީ ރަސްމީކޮށް އިއުލާން ކޮށްފައެއެވެ.

އަފްއާނިސްތާނުން ފުރި އެމެރިކާގެ އެންމެ ފަހުގެ ފްލައިޓް ކަމަށްވާ C-17 މަރުކާގެ އަސްކަރީ މަރުކާގެ މުދާ އުފުލާ މަތިންދާ ބޯޓު ހާމިދު ކަރުޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައިވަނީ، އެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ދިއުމަށް ހަމަޖެހިފައިވާ ސުންގަޑި ކަމުގައިވާ، 31 އޮގްސްޓުގެ މެންދަމު 12:00ގެ އެއް މިނިޓްއިރު ކުރިންނެވެ.

މި ފްލައިޓް ހާމިދު ކަރުޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައިވަނީ، ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކީގައެވެ. ފާއިތުވި 2 ހަފްތާގައި އެމެރިކާ ސިފައިން އެއަރޕޯޓުގައި ކުރިޔަށް މީހުން ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިޔަށް ދަނިކޮށް،  އަފްއާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސްކޭ އިން ވަނީ ޖާނުން ފިދާވުމުގެ ވަރުގަދަ ހަމަލާތަކެއް އެއަރޕޯޓަށް ދީ، އެމެރިކާގެ 13 ސިފައިންނާ އަފްއާނިސްތާނުގެ 175 މީހަކު މަރާލާފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްން ނިންމަވާފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11ވަނަ ދުވަހުގެ (2001 ވަނަ އަަހަރުގެ ޓެރައިސްޓް ހަމަލާއަށް 20 އަހަރު ފުރޭ މުނާސަބަތުގެ) ކުރިން  އެމެރިކާގެ ހުރިހާ ސިފައިން އަފްއާނިސްތާނުން ބޭލުމަށެވެ. ނަތީޖާއެއްގެ ގޮތުން ކަޑައެޅި މުއްދަތުގެ މާކުރިން އެމެރިކާސިފައިން އަފްއާނިސްތާނުން ފައިބައިގެން ދިއުމާއެކު، އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް ފާއިތުވެދިޔަ 20 އަަހަރުވަންދެން ގެރިއްލާ ހަގުރާމައެއް ކުރަމުންއައި ތާލިބާނުން، އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާ، އެންމެފަހުން މިވަނީ އެގައުމުގެ އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.