ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތް ހިންގައިފި

ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތް ހިންގައިފި

Author
ޢަލީ އާދަމް
22 އޮގަސްޓް 2021 07:44
0

ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތް ހިންގައިފިއެވެ.

ބެންކުން ބުނީ މިއީ ވަރލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކެއް ކަމަށެވެ. މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ގައެވެ.

މިގޮތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރެއިން ށ. ފުނަދޫގައި ކުރިއަށްގެންދިޔައީ އެރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ތަރައްގީކޮށް، އެތަން ސާފުކޮށް ކުލަލުމާއި ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމެވެ. އަދި ނ. މަނަދޫގައި އެރަށުގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފަ އެވެ.

މީގެ އިތުރުން ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ނިލަންދޫ ގޮނޑުދޮށް ސަރަހައްދު ތަރައްގީކޮށްފައެވެ. މިގޮތުން، މި ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ޒީނަތްތެރިކޮށްފައެވެ. އަދި ތ. ގުރައިދޫ ބްރާންޗް މުވައްޒަފުން ވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި އެ ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންނާއި ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ "ހަންކެޑަ" ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މިގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަ ކުރުމަށް ނަން ބޯޑު ބަހައްޓާފައި ވެއެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގުނު ހަރަކާތްތަކެއް ކަމަށް ބެންކުން ބުނެއެވެ. މިއަހަރުގެ މާރިޗު މަހުގައިވެސް ބޭންކުގެ މުވައްޒަފުންވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.