ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށްބޭއްވި ފުރަތަމަ ބައްދަލުވުމަށް ފިނި ތަރުހީބެއް

ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށްބޭއްވި ފުރަތަމަ ބައްދަލުވުމަށް ފިނި ތަރުހީބެއް

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2021 06:06
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވެރިކަން ކުރާ މައި ޕާޓީގެ ބައެއް ބޭފުޅުން އިސްކޮށް ތިއްބައިވެން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.

މިބައްދަލުވުމަށް އެމްޑީޕީގެ ތެރެއިންވެސް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. މިއަދުގެ ބައްދަލުވުން ކުރީބައިގައި އޮންނަކަން ސޯޝަލް މީޑިއާގައި ދައުރުކުރި ނަމަވެސް ބައްދަލުވުމަށް ވަޑައިގަތީ ވެރިކަން ކުރާ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ އެންމެ ދެބޭފުޅުންނެވެ. އަދި އާންމު މެމްބަރުންގެ ތެރެއިންވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ވިއްސަކަށް މެމްބަރުންނެވެ.

ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ އެ ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަޒު ޟަމީރުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޕާޓީގެ ޢާންމު މެންބަރުންވެސް ދަނީ އެ ޕެޓިޝަންގައި ސޮއިކުރަމުންނެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަކުރުމަށް ސިޔާސީ މަސްރަހުގައި އަދި ވަކާލާތު ކުރަމުންދާތަން ފެންނަނީ، އެމްޑިޕީގެ ރައީސް ނަޝީދު ގިނިކަންޏާއެވެ. ޚުދު އެމްޑީޕީގެ އެންމެ އިސްފަރާތް ކަމުގައިވާ، ރައީސުލްކުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުވެސް، ބަރުލަމާނީ ޒިނާމަކަށް ދިއުމަށް ތާއީދު ނުކުރައްވާކަން ވަނީ ފާއިތުވެދިޔަ ތަނުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ސާފުވެގެން ގޮސްފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.

ބަރުލަމާނީ ނިޒާމަކަށް މިސްރާބު ބަދަލު ކޮށްލުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް؟

އެހެންކަމުން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ، ނަޝީދު ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގެ ޖަވާބަށް އެކަނި ވިސްނާލުމުންވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ބަދަލުކުރުމަށް އެމަނިކްފާނު ތާއީދު ނުކުރައްވާކަން ވަރަށް ރަގަޅަށް ސާފުވެގެން ގޮސްފައި ވެއެވެ. ހަމަ އެއާއެކު، އެމްޑީޕީ ފިޔަވާ ރާއްޖޭގެ އުފެދިފައިވާ އެހެން ހުރިގާ ސިޔާސީ ޕާޓީއަކުންވެސް ވަނީ، ނަޝީދު ގެންގުޅުއްވާ ނިޒާމު ބަދަލުކުރުމުގެ ވިސްނުމާ ފާޅުގައި ދެކޮޅު ހައްދަވާފައެވެ. މިގޮތުން ޕީޕީއެމް، ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމް އަދި އަދާލަތު ޕާޓީންވެސްވަނީ ނަޝީދުގެ ވިސްނުމާއި ސީދާގޮތުން ދެކޮޅު ހައްދަވާފައެވެ.

2007 ވަނަ އަހަރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމުގައި ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކުން ނިންމަށްފަހު އެކުލަވާލެވުނު ގާނޫނު އަސާސީގެ ހުރިހާ އަސާސްތަކެއް އެކަށައެޅިފައިވަނީވެސް ރިޔާސީ ނިޒާމުގެ އަސާސްތަކުގެ މައްޗަށެވެ. އަދި، އެގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު މިނިވަން މުވައްސަސާތަކާ، އަދި ހެދިފައިހުރި ހުރިހާ ހުރިހާ ގާނޫނު ތަކެއްވެސް އެކަށަ އެޅިފައިވަނީ، ރިޔާސީ ނިޒާމް އަސާސަކަށް ބަލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.